ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ދެ، ތެޔޮ ބޯޓެއް މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ފަޅުވެރިންނާއެކު ބޯޓު ހިފަހައްޓައިފި އެވެ.

އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިއެކެވެ. އެ މީހުން ހިފަހައްޓާފައި ތިބޭތާ މިހާރު ހަފްތާއެއް ވެއްޖެ އެވެ. އެ ބޯޓު އެ ގައުމަށް ބަނދަރު ކުރީ މިދިޔަ މަހު 26 ގައެވެ.

މިސުރުގައި ބަނދެގެން، ރާއްޖެ ގެންނަން މަސައްކަތް ކުރި އެ ދެ ބޯޓު އެރިތުރިއާގައި ތާށިވީ، މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރުކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބުނެ އެވެ.

ބޯޓާއެކު ދިވެހި ފަޅުވެރިން އެގައުމުގާ ހިފަހައްޓާފައިވާ ކަން މިހާތަނަށް ސަރުކާރުން ވެސް އަދި އެފްއެސްއެމް އިން ވެސް ހާމައެއްނުކުރެ އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެފައި ވަނީ އެ ދެ ބޯޓް އޭޕްރީ 26 ގައި އެރިޓްރިއާގައި ބަނދަރު ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ބަނދަރު ކުރުމުގެ ކުރިން ހުއްދަ ހޯދަން މަސައްކަތް ކުރި ކަމަށް ގަސަމް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިތުރިއާގެ ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ގަސަމް ވިދާޅުވި އެވެ.