ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ އުސޫލްތަކާ އެއްގޮތަށް ރަނގަޅަށް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އާޒިމް ޕާޓީން ވަކިކުރުމުން އޭނާ ޕާޓީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން ދަނީ ބުނަމުންނެވެ.

މެމްބަރު އަލީ އާޒިމް ވެސް ވިދާޅުވީ ކޮމެޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ.

އާޒިމް ވިދާޅުވީ ކޮމެޓީ ބޭއްވޭނީ ކޮމެޓީގެ މުގައްރިރު ހުންނަވައިގެން ކަމަށާއި އެކޮމެޓީގެ މުގައްރިރު މުހައްމަދު ޝިފާޒް އެ ބައްދަލުވުމުގައި ނެތް ކަމަށެވެ. އެހެންވެ އެއީ އަސާސީ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ކޮމެޓީ ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އާޒިމް ޕާޓީން ވަކިކުރީ ރަނގަޅަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ޕާޓީގެ ހުރިހާ ކަމެއް ވެސް ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އިބުރޭ ވިދާޅުވީ މުގައްރިރަށް ބައިވެރިނުވެވޭ ކޮމެޓީތަކުގައި ނައިބު މުގައްރިރަށް ބައިވެރިވެ ކަންކަން ނިންމޭނެ ކަމަށެވެ.

މެމްބަރު އާޒިމް އެމްޑީޕީން ވަކިކުރީ އިއްޔެ ބޭއްވި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ކޮމެޓީން ނިންމާފައި ވަނީ އިތުރު ފިޔަވަޅުތަކަކައި އެކު އާޒިމް އަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ގޮތަށެވެ.

އެގޮތުން އާޒިމްއަށް އެޅި ފިޔަވަޅުތަކަކީ އެއް އަހަރު ދުވަހަށް ޕާޓީން ވަކިކުރުން، އެއްވެސް ޕްރައިމަރީއެއްގައި ފަސް އަހަރު ވަންދެން ވާދަނުކުރެވުން، އެމްޑީޕީއަށް އަލަށް ވަންނަން ބޭނުން ނަމަ ސައްހަ 100 މެމްބަރުންގެ ފޯމު ހުށަހެޅުމެވެ.