ނޫމަޑި މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރު އަދު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާންދިނުމުގެ ދައުވާގެ ހުކުމް ކުރުން މާދަމާއަށް ތާވަލް ކޮށްފި އެވެ.

މުއިއްޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލާގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. މާދަމާ މިމައްސަލާގައި ހުކުމް ކުރުމަށް ކޯޓުގައި ތާވަލްކޮށްފައި ވަނީ މެންދުރު 12:00 އަށެވެ.

ނޫމަޑިއަށް ޕްރޮޖެކްޓު ނިންމުމުން ލިބެން އޮތް ޅ. ދިއްފުށިމާދޫ އަތުލުމަށް އޭރުގެ އިކޮނޮމިކް ކައުންސިލުން ނިންމި ޖަލްސާގެ ޔައުމިއްޔާގެ ސައްހަކަން ސާބިތުކުރުމާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިވެ އެވެ.

މުއިއްޒުއަކީ އޭރުގެ އިކޮނޮމިކް ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއް ނޫން ނަމަވެސް މުއިއްޒު އޭރު ބޭއްވި ޖަލްސާ ތަކުގައި ބައިވެރިވެވަޑައިގަތީ ހައުސިން މަޝްރޫއަކާ ބެހޭ ބައްދަލުވުމަކަށް ވާތީ އެކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ހެކިވެރިން ބުންޏެވެ. އަދި ޖަލްސާތަކުގައި ނިންމި ނިންމުންތަކުގައި މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ހެކިވެރިން ބުންޏެވެ.