ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް މިހާރު މެމްބަރުން ހަމަކޮށް މެމްބަރުންގެ ސޮއި ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން ނިންމާފައިވާ އިރު އީވާ ހިމެނޭ ގޮތަށް މަޖިލީހުގެ 12 މެމްބަރަކު މިއަދު ވަނީ އެމްޑީޕީން ވަކިވެފަ އެވެ.

އެމްޑީޕީން މިއަދު ވަކިވި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އެކަމަނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަގާމުގައި ދެމިހުންނާކަށް ޕާޓީގެ އަސާސްތައް ފުނޑިގެންދާއިރު ޕާޓީގައި ނުހުންނަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވެފައި ވަނީ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރައްވާ މެމްބަރުންނެވެ. އަދި އެބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައިނުގަންނަވަ އެވެ.

ރައީސް ނަޝީދު ވަނީ މިހާރު ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފަ އެވެ. އަދި އަންނަ ހަފްތާ ތެރޭގައި ޕާޓީ ރަޖިސްޓަރީކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފިކުރެއްގެ ދިރުމުން ވަނީ ބުނެފަ އެވެ.