ހުޅުމާލޭގައި ވޯޓަ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްފި އެވެ.

ހުޅުމާލޭގައި 12 ސަރަހައްދެއްގައި ވޯޓަ ސްޕޯޓްސް ހިންގުމަށް އާބަންކޯއިން ހުއްދަ ދީފައިވެއެވެ.

އާބަންކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ހުއްދަ ދީފައިވާ ސަރަހައްދުތަކުން 20 ފޫޓު އިތުރުކޮށްދީފައިވާ ކަމަށެވެ. ޖާގަ އިތުރުކޮށްދީފައިވާނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ޚިދުމަތްތައް އިތުރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އާބަންކޯ އިން ބުނެ އެވެ.

އެގޮތުން ޖާގަ އިތުރު ކޮށްދިން ސަރަހައްދުގައި އަތިރިމައްޗަށްދާ ހުރިހާ އެންމެންނަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ފާހާނާއަކާއި އައުޓްޑޯރ ޝަވަރެއް ގާއިމްކުރަން ޖެހެއެވެ. އަދި އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސް ހިންގާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން ވަނީ އިތުރުކޮށްދީފައި

އާބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މީގެ ކުރިން ވާނީ ވޯޓަ ސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ޚިދުމަތްދިނުމުގެ ހުއްދަ ވެސް ދީފައި ކަމަށް އަބަންކޯ އިން ބުނެއެވެ. އޭގެ ސަބަބުން ބީޗަށް ދާ އާންމުންނަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގުފަހިވެގެންދާނެ ކަމާށް އާބަންކޯ އިން ބުނެ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީ ވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.