އެމްޑީޕީން އިއްޔެ ވަކިވި މެމްބަރުންނަށް އެޕާޓީގެ ވަގުތު ދޭތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ މެމްބަރުންގެ ނަން އިއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހެން މެންބަރުން މަޖިލީހުގެ ދަފްތަރުން ވަކިކުރާނީ އަމިއްލައަށް އެކަން މަޖިލީހަށް އެންގުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަރަނި މަތިވެ، ކުދި ވިޔަފާރިތަކަށް ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރެއްވި އިރު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން މެމްބަރުންނަށް ދީފައި ވަނީ އެމްޑީޕީއަށް ލިބޭ ބަހުސްގެ ވަގުތެވެ. އެކަމާ އެމްޑީޕީގެ މެމްބަރުން ގެންދެވީ މަޖިލީހުގައި އަޑުގަދަކުރަމުންނެވެ.
އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑަ) ބަހުސް ކުރިއަށް ގެންދަވަނިކޮށް މާފަންނު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެބޭފުޅުންނަށް ވަގުތު ދެނީ ކޮން ގޮތަކުންތޯ ސުވާލުކުރައްވާފަ އެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ގެންދެވީ ނިޒާމީ މައްސަލަ ނަގަމުންނެވެ. މަޖިލިސް ހޫނުވެ އިރުކޮޅަކަށް މަޖިލިސް މެދު ކަނޑާލަން ވެސް ޖެހުނެވެ.
މަޖިލިސް މެދު ކަނޑާލީ އައްޑޫ މީދޫ ދާއިރަގެ މެމްބަރު ރޮޒައިނަ އާދަމް އަށް ދެފަހަރެއްގެ މަތީން ނަސޭހަތްދިނުމަށް ފަހު އޮޒައިނާގެ ނަން އިއްވި އެވެ. އަދި ރޮޒައިނަ މަޖިލީހުން ބޭރަސް ވަޑައިނުގަތުމުން ގަދަބާރުން މެމްބަރުން ބޭރަށް ނެރެން ބޭނުން ނުވާ ކަމަށް ރައީސް ނަޝީދު ވިދޅާުވި އެވެ. އަދި މަޖިލީހުގެ ޖަލްސާ ދެން ފެށީ ރޮޒައިނާ ނެތް ކަމަށް ބަަލައިގެންނެވެ.
އެމްޑީޕީގެ ވަގުތު ފިކުރެއްގެ ދިރުން މެމްބަރުންނަށް ދެއްވަނީ ކީއްވެތޯ ސުވާލުކުރުމުން މެމްބަރުންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ނުދެއްވާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވިދާޅުވުމަށެވެ.
މަޖިލީހުގެ 12 މެމްބަރުން ދަފްތަރުން އުނިވާނީ އަމިއްލަފުޅަށް މަޖިލީހަށް ސިޓީ ފޮނުވުމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.