އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅެއް އަޅަން ދަތި ކަމަށާ މިވަގުތު އިސްކުރާނީ ޕާޓީގެ މަސްލަހަތު ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ 12 މެމްބަރުން އިއްޔެ ވަނީ އެމްޑީޕީން ވަކިވެފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އަދި ޕާޓީން ވަކިއެއް ނުވެ އެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަނީ ސިޔާސީ ޕާޓީއެއް ހަދާނެކަން އިއުލާންކޮށްފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ޕާޓީން ރައީސް ނަޝީދުއާ މެދު ފިޔަވަޅެއް އެޅުމަށް ވަރަށް ދަތި ކަމަށެވެ. އެއީ ރައީސް ނަޝީދަކީ ޕާޓީގައި ގަދަރާ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ ކަމަށާ އަދި ޕާޓީގައި އެހާމެ ބޮޑު ތާއީދެއް އޮތް ބޭފުޅަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީން މެންބަރުން ވަކި ކުރަން ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ ވަރަށް ދެރަކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ގުރުބާނުން އުފެދުނު ޕާޓީއެއް ކަމަށެވެ. އެހެންވެ ޕާޓީ ދެމެހެއްޓުމަކީ ވަރަށް ބޮޑު ޒިންމާ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދާ މެދު ފިޔަވަޅު އަޅަނީ އެވަގުތުގެ ހާލަތައް ބެލުމަށް ފަހު ކަަމަށެވެ.

ރައީސް ނަޝީދަށް ތާއިދު ކުރާ އެމްޑީޕީގެ 12 މެމްބަރުން އިއްޔެ ވަނީ އެޕާޓީން ވަކިވެފައެވެ. އެހެން ނަމަވެސް އަދި ރައީސް ނަޝީދު ޕާޓީން އަދި ވަކިވެވަޑައެއް ނުގަންނަވަ އެވެ.

ރައީސް ނަޝީދު އެމްޑީޕީ ތެރެއިން އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާފަ އެވެ.