ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރަގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިމައްސަލަ ބަލައިގަތުމަށް މަޖިލީހުގައި އެހިވޯޓަށް ވޯޓު ދެއްވި 51 މެމްބަރުންގެ ތެރެއިން ކުއްލި މައްސަލަ ބަލައި ނުގަތުމަށް 33 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރައްޖެއިން ކުރީން ގެންގުޅުނު ސިޔާދަތު ބަދަލުކޮށްފައިވާ ކަން އިޓްލޮސް އިން ނެރުނު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން ދޭހަވާ ކަމަށެވެ.
އެ މައްސަލާގައި މިސަރުކާރުން ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި، އަދި މިކަމާ ބެހޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކުރުމެއް ނެތި އަދި މަޖިލީހަށް ވެސް މިކަމާ ބެހޭ އެއްވެސް ކަމެއް ހިއްސާކުރުމެއް ނެތި، ރައީސް ސޯލިހުގެ ސިއްރު ސިޓީއަކުން ފޯޅަވަހީގެ ސިޔާދަތީ ބާރު ހިނގާ ގައުމަކީ މޮރިޝަސް ކަމަށް ދިވެހި ސަރުކާރުން މޮރިޝަސްއަށް އެންގުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ. އަދި އެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ހާމަކުރެއްވުމަށް އާދަމް ޝަރީފްގެ މައްސަލާގައި ގޮވާލާފައިވެެ އެވެ.
ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅެނީ އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އެ ސިޓީއަކީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެކަން އެންގުން ކަމަށާއި ކުރިން ޗާގޯސް، މޮރިޝަސްގެ ބާރުގެ ދަށަށް ގޮސްފައި އޮތުމާއެކު ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އެ ސިޓީއަކީ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެއީ ދެ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.