ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގައި ވާދަކުރި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ޓީވީ ބަތަލާ ޑިޝާ ޕަރްމަރްއަށް ދަރިއަކު ލިބެންއުޅޭ ވާހަކަ އިއުލާން ކޮށްފި އެވެ.

ރާހުލް އާއި ޑިޝާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެ ދެމީހުން ވަރަށް އަވަހަށް މައިންބަފއިންނަށް ވާނެ ކަމަށެވެ. މިޕޯސްޓްގައި ސްކޭން ޕޮޓޯއެއް ވެސް ވަނީ ހިއްސާކޮށްފަ އެވެ. މިޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ އެ ދެ ފަންނާނުންނަށް މަރުހަބާ ކިޔަމުންނެވެ.

ރާހުލް ވައިދިއާ އާއި ޑިޝާ ޕަރްމަރް ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރު ޖޫން މަހު އެވެ.

ޑިޝާއަކީ ސްޓާ ޕްލަސްގެ ކުރީގެ މަގުބޫލު ސިލްސިލާ "ޕިޔާރު ކާ ދަރުދު ދޭ މީތާ މީތާ ޕިޔާރާ ޕިޔާރާ" އިން ވިދައިލި ބަތަލާއެކެވެ. ރާހުލްއަކީ 2004 ގައި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް"ގެ ފުރަތަމަ ސީޒަނުން ވިދާލި ފަންނާނެކެވެ. އޭނާއަކީ އެ ޝޯގެ ތިން ވަނަ އެވެ. އޭގެ ފަހުން "ބިގްބޮސް 14" އޭނާގެ މަޝްހޫރުކަން އިތުރުވެގެން ދިޔަ އެވެ.

ޑީޝާ ފަހުން ފެނިގެން ގޮސްފައި ވަނީ ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ދޭކުނެވެ.

ރާހުލް އާއި ޑިޝާ އެކީގައި ކުޅުނު ވީޑިއޯ ލަވައެއް ވެސް ވަނީ ރިލީޒްކޮށްފައިވެ އެވެ. ރާހުލް ކިޔާފައިލާ ލަވައިގެ ނަމަކީ "މަދަނިއާ" އެވެ.