ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަން ސާބިތު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ޖޮއިންޓު ޕާލިމެންޓަރީ ގުރޫޕުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ޖަވާބުދާރީވުމުގައި ސަރުކާރު ތަމްސީލުކުރައްވާ މެމްބަރުން ވަނީ ފެއިލްވެފަވާކަން މިއަދު މަޖިލީހަސް އެބޭފުޅާ ހުށަހެޅުއްވި ގަރާރު ބޭރުކޮށްލުމުން ވެސް އެނގޭ ކަމަށެވެ.

"ރައްޔިތުންގެ ކުރިމަތީ ހަމަވެގެން މިއަދު މިދިޔައީ މިހައްސާސް މައްސަލާގައި އެކަން އެންމެނަށް ހާމަވެގެން ދިއުން ނޫންގޮތެއް ނެތް. އެހެންވީމަ ސަރުކާރަށް މިހާބޮޑެތި ގޮންޖެހުން ކުރިމަތިވެގެން ދާއިރުވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މިއަދު އަމަލުކުރެއްވި ގޮތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެބޭފުޅުންވެސް އިހުމާލުވިކަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަކީ އެއީ ފޮރިން މިނިސްޓަރުގެ ޒިންމާ އެއް ކަމަށް ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ (ޅ)ގައި ބާޔަން ކޮށްފައި ވާނެ ކަމަށާ އެހެން ނަމަވެސް އެޒިންމާ ފޮރިން މިނިސްޓަރު ޝާހިދު އަދާކޮށްފައި ނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުން ނުވަތަ ގެއްލިގެން ދިއުން، ކޮންމެ ސިފައެއްގައި ނަމަވެސް ރާއްޖޭގެ މަސްވެރިންނަށް އެހިސާބަށް ނުދެވޭނެ ގޮތެއް ވުން އެއީ މިސަރުކާރު އިހުމާލުންވީ ކަމެއް ކަމަށެވެ.

ބަންޑަރަ ނައިބު އިބްރާހީމް ރިްްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަސް ހުށަހަޅާ ރިފްއަތުއަށް އެ މައްސަލާގައި ތައްޔާރުވުމަށް 14 ދުވަހުގެ ނޯޓިސް ދީފަ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ވައްދާފަ އެވެ.