ޔުކްރޭންގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އާއި ސީރިއާގެ ރައީސް ހާފިޒް އަލް އަސަދު އަރަބި ލީގްގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންފި އެވެ.
މި ދެބޭފުޅުންނަކީ ވެސް އެބޭފުޅުންގެ ގައުމުގެ ބޮޑުބައި ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތި ވެފައިވާ ދެ ބޭދުޅުންނެވެ. ސީރިޔާއަށް ރަޝިޔާގެ އަސްކަރިއްޔާ ދިޔައީ އިދިކޮޅު ފަރާތްތަކުން ގައުމުގެ ބޮޑުބައެއް ހިފުމާ ގުޅިގެން ރައީސް އަސަދަށް އެހީތެރިވުމަށެވެ. އެއާ ޚިލާފަށް ޔުކްރޭނަށް ރަޝިޔާއިން ހަމަލާދިނީ އެ ގައުމު ޔޫޕާ ގާތްވަމުން ދާތީ އެކަން ހުއްޓުވުމަށެވެ.
ސީރިޔާގައި ހިނގައިދިޔަ ހަނގުރާމާގައި އަސަދުގެ ސަރުކާރުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހި، އެ ގައުމު އަރަބި ލީގުން ވަކިކޮށްފައި 12 އަހަރު ވަންދެން އޮތުމަށްފަހު މިފަހަރު ސަމިޓަށް އަސަދު މިވަޑައިގެންނެވީ ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އިސްވެ، މެދު އިރުމަތީގައި ފައްޓާވާފައިވާ ސުލަހް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ގައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.
ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ހިނަގމުންދާ ހަނގުރާމާގައި އަރަބި ގިނަ ގައުމުތަކުން ރަޝިޔާއާއެކު ގުޅުން ބާއްވައި ޔުކްރޭނާ މެދު ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅެމުން އައި ކަމަށް ވިޔަސް އިއްޔެ ޖިއްދާގައި ބޭއްވި އަރަބި ލީގުގެ ސަމިޓުގައި ޔުކްރޭނުގެ ރައީސް ޒެލެންސީ ވަނީ "ސަޕްރައިޒް" ފެނިލުމެއްގެ ގޮތުން ބައިވެރިވެވަޑައިގެން އަރަބި ލީގުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ސަމިޓުގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވަނީ ގައުމުތައް ހިފުމާ އަޅުވެތިކުރުން ފަދަ ކަންތައްތަކަކީ ކޮންފަދަ ކަންތައްކަން އަރަބިންނަށް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވެ، އެހެންކަމުން ޔުކްރޭނުން ރަޝިޔާއަށް ދޫ ނުދޭ ސަބަބު ވެސް އަރަބިންނަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަފުޅުގައި ވަކި ގައުމެއްގެ ނަން ހާމަ ނުކުރައްވައި ބައެއް އަރަބި ގައުމުތަކުން ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ދިނުމަށް ޒެލެންސްކީ ފާޑު ވިދާޅުވި އެވެ. ހަމައެއާއެކު އީރާނުން ރަޝިޔާއަށް ފޯރުކޮށްދޭ ޑްރޯންތަކުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ވެސް ދެއްކެވި އެވެ.
ޖިއްދާގައި އަސަދާއި ޒެލެންސްކީއަށް މަރުހަބާ ވިދާޅުވަމުން ސައޫދީ ޕްރިންސް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ޔުކްރޭނާއި ރަޝިޔާގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ކުރެވެންހުރި ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ސައޫދީން އެ ދެގައުމުގެ ދެމެދުގައި ވާހަކަ ދެއްކުމަށް ބައިވެރިއެއްގެ ރޯލު ކުޅެން ތައްޔާރަށް އޮތްކަން ހާމަކުރެއްވި އެވެ.
ޒެލެންސްކީއާ ޚިލާފަށް އީރާނާ ރަޝިޔާއާ ގާތްގުޅުމެއް އޮންނަ އަސަދު ވިދާޅުވީ މި ސަމިޓުގެ ސަބަބުން އަރަބި ގުޅުންތަކުގެ އާ ބާބެއް ފެށި، ސުލްހަ މަސްލަހަތަށް އިތުރު މަގުފަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަސަދު އިތުރަށް ވިދާޅުވީ ބޭރުގެ ނުފޫޒު އަރަބި ގައުމުތަކަށް ނުފޯރާނޭހެން ކަންތައް ރާވަން ޖެހޭނެ ކަމަށެވެ.