ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އަޒުލުކުރުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ވަނީ ފަށައިފަ އެވެ. އަދި އެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީން ކުލަބް ހައުސްގައި ކުރިއަށް ގެންދިޔަ "ނާޒިމް ބުނަނީ ކީކޭ" ޝޯގައި ވިދާޅުވީ ރައީސް ސޯލިހު އަޒުލުކުރަން ޖެހޭ ކަމަށެވެ. އެއީ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މައްސަލާގައި މި ސަރުކާރުން ދިވެހި ރައްޔިތުންގެ ދިފާއުގައި އެއްވެސް ވަރަކަށް އިޓްލޮސްގައި ވަކާލާތުކޮށްފައި ނުވާ ކަމަށެވެ.

ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިގެން ދިޔައީ މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ފުޅުން ކަމަށެވެ. އެ ޒިންމާ ރައީސް ސޯލިހު ނަންގަވަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައީސް ސޯލިހު ފޮނުއްވި ސިޓީ ހާމަކުރައްވަން ޖެހޭ ކަމަށާ އަދި އެ މައްސަލަ އިސްތިއުނާފު ކުރަން މިއޮތް މުއްދަތުގައި އިސްތިއުނާފް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ މި މައްސަލާގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދު ވެސް ޒިންމާ ނަންގަވަން ޖެހޭ ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަކީ ވެސް މަގާމުން ދުރުކުރަން ޖެހޭ ދެ ބޭފުޅުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދާފަ އެވެ. އަދި އެ މައްސަލާގައި ޖަވާބުދާރީވުމަށް ރިއްފަތުއަށް ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދާފަ އެވެ.