ޗައިނާ އާއި ދިވެހިރާއްޖެއާ ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބައިނަލް އަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެ ގައުމަށް ފައިދާހުރި މަޝްރޫއުތައް ދެޤައުމުން ގުޅިގެން ހިންގޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއެކު، ރާއްޖެއާ ޗައިނާ އާއި ދެ ގައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާާޅުވެފަ އެވެ.

ޗައިނާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދެމުން އަންނަ ގާތް ގައުމެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެފަ އެވެ. ރާއްޖޭގެ ގިނަ މަޝްރޫއުތަކެއް ވެސް ޗައިނާ އިން ހިންގަމުންދިޔަ އެވެ.

އެހެން ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެގުޅުން ވަނީ ހީނަރުވެފަ އެވެ. މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން ދިޔައީ އަވައްޓެރި އިންޑިއާއާ އެވެ.