ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު ދަނގެތި ދާއިރަގެ މެމްބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ކުލަބް ހައުސްގައި ކުރިއަށް ގެންދިޔަ "ނާޒިމް ބުނަނީ ކީކޭ" ޝޯގައި ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރާ ބޮޑުންނަށް އަދަބު ނުލިބި ކޮންމެ ވެސް ގޮތަކުން އެމީހުން ސަލަމަތްވާން ކަމަށެވެ. އަދި އެފަދަ މީހުން ގާނޫނުގެ ކޮންމެވެސް ބާގަނޑަކުން އަބަދުވެސް ސަލާމަތް ވާކަމަށާއި އެކަން ހައްލުވާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ، އެކަން ކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ކަމަށާ އެމްއެންޕީގެ ވެރިކަމެއްގައި އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަސްތުވާ ތަކެތީގެ މައްސަލައަކީ ހައްލުނުވެ އޮތް ގައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ޑްރަގް ޓްރެފިކިންއަށް އޮންނަަ އަދަބަކީ 25 އަހަރަށް ޖަލަށް ލުން ކަމަށާ އެހެން ނަމަވެސް އެކަމުގައި އޮންނަ އެންމެ ހަރުކަށި އަދަބަށް ތާއީދުކުރައްވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް އޮތް ހައްލަކީ ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ކަމަށެވެ. އަދި އޭނާއަށް ވެރިކަން ކުރަން ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.