ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ތިލައުތުރު އެވޯޑް" ދިނުމުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ރޭ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަލުން ކަނޑައެޅުމުގެ ފުރުސަތު ދިވެހިރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެ ފެޑަރަލް ނިޒާމަކަށް ބަދަލުކުރަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރީން ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއްނެގުމަކީ އަލުން އެވޯޓު ނުނަގަންވީ ސަބަބެއް ނޫން ކަމަށެވެ. އަދި މިހާރު މި ވަގުތަކީ އެ ވޯޓު ނަގަން ޖެހޭ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ ވާޖިބެއް އެއީ ރައްޔިތުންނާއި ހަމައަށް މި މައްސަލަ ގެންދިއުން. ފެންނަ ނުފެންނަ ވޯޓަކާއި ހަމައަށް ވެރިކަމުގެ ނިޒާމަކާއި ގުޅޭ ގޮތުން ނިންމުން. އެއީ އަޅުގަނޑުމެން އެންމެންގެ ހައްގެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ ކިތަންމެ ދިވެހިންނެއް އެބަތިބި ކަމަށެވެ. އަދި ފެޑަރަލް ނިޒާމަކަށް ބަދަލުވާން ނުވިސްނައިފި ނަމަ ދިވެހިރާއްޖޭގެ ހަޔާތުގައި ހިތާމަވެރި މަންޒަރުތަކެއް ފެނިގެން ހިނގައިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި ތިލައުތުރު އެވޯޑު ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ މަޖިލިސް

ފެޑަރަލް ނިޒާމެއްގައި ކޮންމެ ސަރަހައްދެއް ހިންގާނީ ވަކި ސަރުކާރެއްގެ ގޮތުގަ އެވެ. މައި ސަރުކާރާ ސަރަހައްދީ ސަރުކާރުތަކުން ވެރިކަންކުރުމުގެ ބާރު ހިއްސާކުރާނެ އެވެ. އެ ސަރަހައްދެއްގެ ކަންކަން ނިންމާނީ އެ ސަރަހައްދެއްގެ ސަރަހައްދީ ސަރުކާރުންނެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓުގައި ވެސް ރައީސް ނަޝީދު ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށެވެ.

ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.