ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާ އާއި އެކު އައިޖީއެމްއެޗްގައި މަސައްކަތް ކުރި އެހެން ނަރުހެއްގެ ހެކިބަސް މިއަދު ކްރިމިނަލް ކޯޓުގައި ނަގައިފި އެވެ.

މިއަދު ހެކިބަސް ނަގާފައި ވަނީ އައިޖީއެމްއެޗްގެ ޑައިލެސިސް ސެންޓަރުގައި މޭރީއާ އެކު މަސައްކަތްކުރި ޝުޒުނާ މުހައްމަދުގެ ހެކިބަހެވެ. އޭނާ ހެކިބަސް ދެމުން ބުނީ އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް އެދުވަހު ވެސް މޭރީ މަސައްކަތުގައި އުޅުނު ކަމަށެވެ. އަދި އަދި އޭނާގެ ފިރިމީހާ މާވިން އާއި މައްސަލަ ޖެހޭ ވާހަކަ އާއި މައްސަލަ ޖެހެން ދިމާވަނީ ލަމްހާގެ ސަބަބުން ކަމަށް ކިޔައިދިން ކަމަށް ޝުޒުނާ ބުންޏެވެ.

މާވިންއާއި ލަމްހާ ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޯޓްތަކެއް ވެސް މޭރީ ދެއްކި ކަަމަށް ޝުޒުނާ ބުންޏެވެ. އަދި މޭރީ އަށް ނުދަންނަ ނަމްބަރަކުން މޭރީއަށް ގުޅާ އުނދަގޫކުރާ ވާހަކަ ވެސް އޭނާ ގާތު މޭރީ ކިޔައިދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެން ހެކިބަސް ދިނީ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗް އަށް ގެންދިއުމުން ބެލި ޑޮކްޓަރެވެ. ދޮކްޓަރު ބުނީ މޭރީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވިންދު ނެތް ކަމަށެވެ. އަދި އޭނާ ދަންޖެހިގެން މަރުވެފައިވާ ކަމަށް މާވިން ބުނި ނަމަވެސް އޭނާ ގެ ކަރުގައި އެއްވެސް ނިޝަނެއް ފެންނަން ނެތް ކަމަށް ޑޮކްޓަރު ބުންޏެވެ.

އިތުރަށް ހެކިބަސް ނަގާފައި ވަނީ ލަމްހާގެ ކޮޓެރި ބަލާ ފާސްކުރުމަށް ދިޔަ ފުލުހެއްގެ ހެކި ބަހެވެ. އޭނާ ބުނީ އެތަނުން ސިރިންޖާ ލެޕްޓޮޕާ ފުލުހުން ގެންދިޔަ ކަމަށެވެ.

2021 ވަނަ އަހަރު މަރާލި މޭރީ ގްރޭސް ދަން ޖެހިފައިހުއްޓާ ފެނިގެން އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް ރިޕޯޓް ކޮށްފައިވެ އެވެ. އެހެން ނަމަވެސް މޭރީ މަރާލާފައި ވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.

އޭނާ މަރާލުމުގެ ދައުވާ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވާއިރު، މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ލަމްހާއަކީ މާވިންގެ ލޯބިވެރިޔާ އެވެ.