މިފްކޯއިން ތައިލެންޑަށް ބޭރުކުރާ މަހުގެ ރިޖެކްޝަން އިތުރުވާތީ އެކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަށް ސާފުކޮށް ނުދެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި ފިޝަރީޒް މިނިސްޓަރުގެ ސީދާ ޒިންމާތައް ސާފުކުރުމަށް ނިންމައިފި އެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވަނީ ރާއްޖެއިން ތައިލޭންޑަށް ބޭރުކުރާ ކަޅުބިލަ މަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލްއާ ގުޅޭ ތިން ސުވާލަކަށް ލިޔުމުން ޖަވާބު ހޯދުމަށް ހުށަހަޅުއްވާފަ އެވެ.
އެގޮތުން ފުރަތަމަ އެދުނީ މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަ މަހާއި ކުދި ކަންނެލި މަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވީ ތިން އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާ ނަމަ ނުވަތަ ހިލޭ ދޫކޮށްފައިވާ ނަމަ އެ ފައިސާގެ ޖުމްލަ ހޯދުމަށެވެ. އަދި ތައިލެންޑަށް ވިއްކި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވެލްގެ އިންސައްތަ ހޯދުމަށާއި ރިޖެކްޓު ކުރާ މަހަށް ހަދަނީ ކިހިނެއްތޯ ސާފުކުރުމަށެވެ.
މި ތިން ސުވާލަށް ވެސް މިނިސްޓަރު ފުރިހަމަ ޖަވާބެއް ނުދެއްވަ އެވެ.
އެ ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ފޮނުވި ޖަވަބުގައި ވިދާޅުވީ އެ މައުލޫމާތުތަކަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަމުންގެންދާ މައުލޫމާތުތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ރިޔާސަތުން ހިއްހަމަނުޖެހި ވިދާޅުވީ ރައްޔިތުންގެ ފިޝަރީޒް މިނިސްޓަރާ މަޖިލީހުން ހަވާލުކޮށްފައި ވަނީ ކޮން މަސައްކަތެއްތޯ ބަލާނެ ކަމަށެވެ.
މިނިސްޓަރާ ބެހޭ ކަންތައްތަކާ ނުބެހޭ ކަންތައްތައް ކަނޑައަޅާނީ މިނިސްޓަރު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ވަޒީރު ވިދާޅުވެފައި ވަނީ އެބޭފުޅާ އާ ބެހޭ ކަމެއް ނޫން ކަމަށް އަޅުގަނޑު މިހާރު ބަލަމުން މިދަނީ އެބޭފުޅާއާ މި މަޖިލީހުން ހަވާލުކޮށްފައި އޮތީ ކޮން މަސައްކަތެއްތޯ އެބޭފުޅާއާ ބެހޭ ކަންތައްތަކާ ނުބެހޭ ކަންތައްތަކާ ކަނޑައަޅުއްވާނީ އެބޭފުޅާއެއް ނޫން. ވަޒީރު އަމިއްލަފުޅަށް ކުރައްވާ ކަމެއް ނޫން. އެއީ މިތަނުން ކޮންމެ ވުޒާރާއަކަށް އޮންނާނެ އެވުޒާރަގެ މަސައްކަތް ހަވާލުކޮށްފައި. އެހެންމަ އެ މަސައްކަތްތައް ތަފާސް ހިސަބު ބެލެހެއްޓުން އެ މަސައްކަތްތަކުގައި ހިމެނޭ ކަމުގައި ވަނީނަމަ ވަޒީރަށް އެހުންނެވެނީ ނުބައި މަގެއްގައި،" ނަޝީދު ވިދާޅުވި އެވެ.
ތަފަސް ހިސަބުތައް ވަޒީރު ހާމަކޮށްފައި ނުވާތީ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ ޖަވާބު ނުދެނީ ވައްކަން ކޮށްފައި ވައްކަން ފޮރުވަން ކަމަށެވެ. ކޮންމެ 3000 މެޓްރިކް ޓަނަކުން 1000 ޓަނު ރިޖެކްޓުވީ ކަމަށް ބަލާ އެ ފައިސާ ކޮޅު ކާލަނީ ކަމަށް ބޮންޑަ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއިން ތައިލޭންޑާ ހިސާބަށް އެކްސްޕޯޓް ކުރީމާ 3000 މެޓްރިކްޓަނު ފޮނުވާފިއްޔާ 1000 މެޓްރިކްޓަނު ރިޖެކްޓަށް ކަނޑާ ލަނީ ރާއްޖެއިން ކޮލެޓީ ވެސް ބަލާފަ ދަނީ އެ ޝިޕްމަންޓް ބޯޓަށް ލާފައި. އިންވޮއިސް ހަދާފަ ޕޭމަންޓް ދޭން ޖެހުނީމަ މިތާތިބޭ މިފްކޯ ބަޔަކާ ގުޅާފަ ކުރީގެ އެފްޕީއައިޑީ ހިންގިހެން ރިޖެކްޓް ކިޔާފަ އެފައިސާތައް ކާލަނީ. މީވައްކަން އޮޑިޓާ ޖެނެރަލް ރިޕޯޓުގަ އެބަހުރި މީ ވައްކަން ކޮށްފައި އިއްޒަތްތެރި ރައީސް އެތަފްސީލު ހޯދަން މިއެދެނީ. އަޅުގަނޑަށް ތަފްސީލުދޭކަށް ނޫން ރައްޔިތުންނަށް ތަފްސީލުދޭން ވައްކަން ކޮށްފަ ވައްކަން ފޮރުވަން ޖަވާބު ނުދެނީ މިތަނަށް،" ބޮންޑަ ވިދާޅުވި އެވެ.