ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮސްދެއްވާ ނައިބު ރައިސް ފައިސަލް ވިދާޅުވީ ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމްޑަބްލިޔުއެސްސީއިން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުހިއްމު އަސާސީ ހިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރެއްވުމަކީ، ސަރުކަރުގެ މުހިއްމު ވައުދެއްކަމަށެވެ. އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށް ހިދުމަތް ދިނުމުގައި އެމްޑަބުލިޔުއެސްސީގެ ހީވާގި މުވައްޒަފުން ކުރާ މަސައްކަތަށް އެމަނިކުފާނު ތައުރީފް ކުރެއްވި އެވެ.

މިސަރުކާރުން ރައްޔިތުންނަށްދޭ ޔަޤީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރޭ ގެ ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ކުންފުނީގެ މުވައްޒަފުންނަށް އެވޯޑް ދީފައެވެ. މީގެ އިތުރުން އެކުންފުނިންދޭ ޔުނީކް ޕާފޯމަންސް އެވޯޑާއި، ޗެއާމަންސް އެވޯޑް ފޯ އެކްސެލެންސް ހާސިލް ކުރި މުވައްޒަފުންނަށް އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.