މިހާރު ކުރިއަށްދާ އައިފާ ފިލްމް އެވޯޑްސްގެ ތެރެއިން ފިލްމީ ތަރި ވިކީ ކައުޝަލް ސަލްމާން ޚާނަށް ދިއްކުރި ސަލާމުގެ އަތަށް ސަލްމާން ފުރަގަސް ދިން ކަމަށް ބުނެ ހަބަރުތައް ފެތުރިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަ ގޮތުގައި އައިފާ އިވެންޓުގެ ތެރެއިން އެ ދެތަރިން ބައްދަލުވާއިރު އެދެމެދަށް ސަލްމާންގެ ބޮޑީގާޑުން ވަދެ އެވެ.
ފެންނަ ފެނުމަށް މި މަންޒަރުން ދައްކުވައިދެނީ ވިކީގެ ސަލާމަށް ސަލްމާން އަޅާނުލާ ފުރަގަސް މޫނެއް ދޭ ތަނެވެ. އެހެން ނަމަވެސް މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ވިކީ ވަނީ ބުނެފަ އެވެ.
މި ހާދިސާއަށްފަހު ވިކީ ބުނީ އެކި ކަންކަމާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދެކެވެމުން އަންނަ ކަމަށާއި ހުރިހާ ފަހަރަކު ކަމެއް ފެންނަ ގޮތަކީ އޭޭގެ އަސްލަށް ނުވެދާނެ ކަމަށެވެ.
ވިކީއަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފްގެ ފިރިމީހާ އެވެ. މި ސަބަބަށްޓަކައި ސަލްމާންގެ ހިތުގައި ވިކީއަށް ރުޅިވެރިކަން އޮވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެހެން ނަމަވެސް މީގެ ކުރިން އެކި ފަހަރު މަތިން އެ ދެތަރިން ވަނީ އެކުގައި ފެނިފަ އެވެ.