ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެންގި މައްސަލަ އެޕާޓީން ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެތަން ހުސްކުރަން އަންގާ އެއިމާރާތުގެ ވެރިފަރާތުން ކަންކަން ކުރި ގޮތުގެ ސަބަބުން ޕާޓީގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ އެވެ. އެމްޑީޕީއަށް ހަރުގެ ހުސްކުރަން އެގޭގެ ވެރިފަތާތުން އެންގީ ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ 10:30 އަށް ސިވިލް ކޯޓުގައި ވަނީ ތަވަލްކޮށްފަ އެވެ.

އިމާރާތުގެ ވެރި ފަރާތަކީ އެމްޑީޕީގެ ކުރީގެ އިސް އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރު އެވެ.

ޝަފިއްޔާ ޒުބައިރު އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރެކެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ޕާޓީ ބައިބައިވެ އެމްޑީޕީގެ ރައީސް ނަޝިދު އުފައްދަވަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއަށް ޝަފިއްޔާ ވަނީ ސޮއިކޮށްފަ އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެ ހަރުގެ ހިންގަން ދީފައިވާ އެއްބަސްވުން ހަމަވި ނަމަވެސް ރިޔާސީ އިންތިހާބާ ހަމައަށް ހަރުގެ ބޭނުން ކުރެވޭނެ ކަމަށް ކުރީން ޝަފިއްޔާ އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.