ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހަމީހެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

މި މައްސަލާގައި މިއަދު ވަނީ ހަ މީހެއްގެ ހެކިބަސް ނަގާފަ އެވެ. އެއީ ދޯނި އަތުލާގަތް ރޭ ދޯނި ބަލާ ފާސްކުރަން އެރި ތިން ފުލުހެއްގެ ހެކިބަހާ ދޯނި ކަފުޖަހައިގެން މާލެ ގެނެސްދިން ދޯނީގެ ކައްޕިގެ ހެކި ބަހާ އެ ދޯނީގެ އިންޖީނު ހަލާކުވެގެން އިންޖީނު ހަދަން އެރި ދެ މީހެއްގެ ހެކި ބަހެވެ.

ފުލުހުންގެ އޮފިސަރު ހެކިބަސް ދެމުން ބުނީ އެ ރޭ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދޯނި އިންޖީނު މައްސަލައެއް ޖެހިގެން ކަފު ޖަހައިގެން ހުޅުމާލެ އަށް ގެންދަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސުން މައުލޫމާތު ދިން ކަމަށެވެ. އަދި ހުޅުމާލެ ކަންނެލި ޖެޓީއަށް ގޮސް ބެލިއިރު އެ ދޯނި އެ ޖެޓީގައި އޮތް ކަމަށާއި މި މައްސަލާގައި ދައުވާ ކުރާ އަނަސް ހުސައިނާއި އަސީލް މާހިރާއި ބަންގްލަދޭޝްގެ ދެ މީހުން ދޯނީގައި ތިބި ކަމަށް ފުލުސް މީހާ ހެކިބަސް ދިނެވެ.

ދޯނި ބަލައި ފާސްކުރިއިރު އެއް ވާގަނޑެއްގައި އައްސާފައި އޮތް ތިން ބަސްތާއަކާއި ވަކިން ދާގަނޑެއްގައި ބަސްތާ އެއް އޮތް ކަމަށް ފުލުސް މީހާ ކިޔައިދިނެވެ. އަދި އެ ބަސްތާތައް ކަނޑާފައި ބެލިއިރު ފެނުނު ރަބަރު ޕެކެޓްތަކުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަމަށް ވެސް ކިޔައިދިނެވެ. އަދި ދޯނީ ގައި ތިބި މީހުން ހުޅުމާލެ ކަސްޓޯޑިއަލް އަށް ގެންދިޔަ ކަމަށް ވެސް ފުލުސް މީހަ ކިޔައިދިނެވެ.

މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ގއ. ވިލިނގިލީ ލައިޓް ހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާ ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލާފައިވާއިރު، އެ ދެ މީހުން ދޫކޮށްލާފައި ވަނީ ބޭސްފަރުވާ އަށެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ މަހު އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމާފަ އެވެ.

ދައުލަތުން އެ ދެ މީހުންނަށް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އަދި އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކޯޓުން އަމުރު ކޮށްފައިވެ އެވެ.

ކަންނެލި ދޯންޏެއްގައި ދަތުރުކޮށްފައި ދަނިކޮށް 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.