އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފ. ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ފީއަލީ ބަނދަރުސަރަހައްދުގަ އެވެ.

މިރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި، ފީއަލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށެވެ. އަދި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ފީއައްޔަކީ މަސްވެރިރަށެއްކަން ފާހަގަކުރައްވައި، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ގެނައި ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލި އެވެ. އަދި ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކުރިޔަށް އޮތް ތަނުގައިވެސް ފީއަލީގައި އިތުރު މަޝްރޫއުތައް ހިންގޭނެ ކަމަށާއި، ފީއަލީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ޖަހަން ޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ފީއަލީގެ މަޝްރޫއުތައް ވެސް ހިންގޭނީ ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ފީއަލީގެ އާ އިންޖީނުގެއާ އޮފީސް އިމާރާތަކީ، ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އިމާރާތްކުރެވިފައިވާ ތަނެކެވެ. އެންމެ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އާ އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސްކުރެވިފައިވެ އެވެ.

ފީއަލީގައި ސަރުކާރުން ބެހެއްޓި މިއައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ސްޓޯރޭޖެއް އެކުލެވޭ އައިސްޕްލާންޓެކެވެ.