ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމެއް ތައާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފާޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ހާއްސަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމުން ހާސިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ތަޢާރަފު ކުރައްވަން ތައްޔާރަވަމުން އަންނަ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސް ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ މި ފާޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.