އެސިލޮކް އިންޖެކްޝަންގެ ކޮލިޓީދަށް ބެޗެއް ރާއްޖެ އެތެރެކޮށްފައިވާތީއެ ބެޗް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްއޭޑީއޭ) އަންގައިފި އެވެ.

ކޮލިޓީ މައްސަލަތަކެއް ފެނުނީ އެސިލޮކް ނުވަތަ ރެނިޓިޑިން އިންޖެކްޝަނުގެ 25މލ ހިމެނޭ ބެޗަކުންނެވެ.

އެފްޑީއޭ އިން ބުނީ އެސިލޮކްގެ ބެޗު ކަަމަށްވާ RP21311 ބެޗް، ރާއްޖެ އެތެރެ ކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެ ބޭހުގައި މައްސަލަ ދިމާވެފައިވާ ބެޗް، ރާއްޖޭގެ އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްއޭޑީއޭ އާއި ހިއްސާ ކުރަން އެދޭ ކަމަށެވެ.

އެސިލޮކް އަކީ ބަނޑުގައި ގޭސް ހހެދުމުގެ މައްސަލަތަކަށް ދޭ އިންޖެކްޝަނެކެވެ.

އެފްޑީއޭއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށެވެ.

ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އިންޖެކްޝަން އުފައްދާފައި ވަނީ އިންޑިއާގެ އަހުމަދުއާބާދުން ނެވެ. އެއި 25 މިލި ގްރާމްގެ އިންޖެކްޝަނެކެވެ. އެ ބެޗް އުފައްދާފައި ވަނީ 2021 ވަނަ އަހަރުގެ ހަތް ވަނަ މަހުގަ އެވެ. އަދި އޭގެ މުއްދަތު ހަމަވަނީ 2024 ވަނަ އަހަރުގެ ހަވަނަ މަހުގަ އެވެ.