ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު އެވެ.

އެއިސްލާހަށް ބަހުސް ކުރެއްވި ހުރިހާ މެމްބަރުންވެސް ވިދާޅުވެފައިވަނީ އެއީ މުހިންމު އިސްލާހެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާށި އިންތިހަބުގެ ކުރިން އެއިސްލާހު ފާސްވެ އަމަލުކުރަނަޖެހޭ ކަމަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މިއަދު ވަނީ އެއިސްލާހުގެ ބަހުސް ނިންމާ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.

އިސްލާހުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެކެވެ.

އެ ޓެމްޕްލޭޓު އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާނެ ފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓު ނަންބަރު ޓެކްޓައިލްކޮށްފައި އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށް ކަމަށް އިސްލާހުގައިވެ އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށައަޅާފައިވާ ބޭނުމަކީ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަ ޖެހުމުގެ ފުރުސަތު ހަމަޖައްސައިދިނުމެވެ.