ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ، ވައިޓްހައުސް، އަހްމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރަށް މަރު ހިފުމަށް ހުކުމްކޮށްފައިވާ ޏ. ފުވައްމުލައް. ޒާވިޔާ، އަބްދުﷲ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފުދިނުމުން އޭނާއަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ނަޒީފަށް މިރުޒާގެ އާއިލާ އިން މާފު ދީފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. މިއީ މަރުގެ މައްސަލައެއްގައި އެންމެ ފަހުގެ މަރުހަލާގައި ގާތިލަކަށް ވާރިސުން މައާފު ދިން ފުރަތަމަ ފަހަރެވެ.
ނަޒީފު މަރަން ކުރިމިނަލް ކޯޓުން މީގެ ކުރިން ކުރި ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އސްތިއުނާފް ކުރި އެވެ. ހައިކޯޓުންވެސް ދަށު ކޯޓުގެ ހުކުމަށް ތާއިދު ކުރި އެވެ.
ނަޒީފުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑު އެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެކަމަކު، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ މިހާރު ދޭން ޖެހޭނީ ގާނޫނީ އަދަބެއް ކަމަށް ހުކުމުގައި ވެ އެވެ.
އެހެންވެ، ނަޒީފަށް ދޭންޖެހޭ ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން އެ މައްސަލަ ކްރިމިިނަލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ނިންމާފަ އެވެ.
މިރުޒާގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މެރުމަށް ދަށުކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެއީ ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަޒީފާއި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އެވެ. މި ދެ މީހުންގެ ތެރެއިން ނަޒީފުގެ މައްޗަށް ހައިކޯޓުން ވެސް ވަނީ އެކުށް ސާބިތުވެފަ އެވެ.
މިރުޒާއަށް ހަމަލާދިނީ 2011 ވަނަ އަހަރުގެ ތެރޭގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ޕާކު ސަރަހައްދުގަ އެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
އެހެންވެ، ނަޒީފަށް ދޭންޖެހޭ ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން އެ މައްސަލަ ކްރިމިިނަލް ކޯޓަށް ފޮނުވުމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.