ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށާ އެމައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުމުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ބުނެފި އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތުން އެކަމާ ދެކޮޅަށް ގިނަ ޕާޓީތަކެއް އެކުލެވޭހެން މިހާރު ވަނީ އިއްތިހާދުވެފައެވެ.
ސަރުކާރުން މިމައްސަލާގައި އަމަލު ކުރިގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ ސަރުކާރު އެކަމާ ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ނާއި މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކުވެ ވަނީ އިދިކޮޅު ކޯލިޝަނާއެކު ޖޮއިންޓް ޕާލަމަންޓްރީ ގުރޫޕެއް އުފައްދާފަ އެވެ.
އިދިކޮޅު ކޯލިޝަނުން އަންނަނީ އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުންގެ ފޯމު ހުށަހެޅުމަށްފަހު ނުސްވެރިންނާ ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރަގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ބާއްވާ އެއްވުމުގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށެވެ.
ހަސަން ވިދާޅުވީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާތީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ އެއްވުން އެންޑޯޒް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެކިގޮތްގޮތުން ދިމޮކްރެޓްސްގެ ބޭފުޅުން އެއްވުމުގައި ބައިވެރިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި އިދިކޮޅުން ބާއްވާ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ވަނީ އެދިވަޑައިގެންފައެވެ. އިދިކޮޅުން މާދަމާ ބާއްވާ މުޒަހަރަގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުމަށް ގާސިމް އެދިލެއްވި އިރު ޖޭޕީގެ ބައެއް މަޖިލިސް މެމްބަރުން ގެންދަވަނީ ވަނީ އިދިކޮޅު ކޯލިޝަނާއެކު އެމައްސަލާގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހިރާއްޖެ އިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމާފައި ވަނީ ރާއްޖެއިން އެދުނު ގޮތަށެވެ.
އެމައްސަލާގައި އިޓްލޮސް އިން މައްސަލަ ނިންމާފައި ވަނީ ސަރުކަރުން ބޭނުންވާ ގޮތަށް ނަމަވެސް އެނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ހިނގައްޖެ ކަމަށް އިދިކޮޅު ފަރަތްތަކުން އަންނަނީ ބުނަމުންނެވެ.