ޗާގޯސް މައްސަލާގައި މިރޭ އިދިކޮޅު ކޯލިޝަނުން ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށާއި އާންމު ސުލްހަޔަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މިނަމުގައި އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް މިރޭ ބައްވާ އިރު އެ އެއްވުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.

މިރޭގެ އެއްވުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭގޮތުން ފުުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިރޭ ބާއްވާ އެއްވުމުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނުނޫ ހިލާފު އަމަލުތައް ރާވަމުންދާ ކަމާށާއި ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެ ކަމަށް ބުނަމުންދާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ.

އެހެންވީމާ މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާ އެކު އެއްވުމުގައި އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

މިރޭގެ އެއްވުމުގައި ރައީސް ޔާމީންގެ ހާއްސަ ތަގުރީރެއް އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބުންވެސް މި އެއްވުމުގައި ވާހަކަދައްކާގޮތަސް ވަނީ ހަމަޖެހިފައެވެ.