މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނަލް ސާވިސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ޖަލު އޮފިސަރުންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކޮށް ސައްހަ ނޫން ތުހުމަތުތަކާއެކު ބަދުނާމު ކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ޕްރިޒަންސް އޮފިސަރުން ބަދުނާމުކޮށް ބިރުދައްކައި އިންޒާރުދެމުންދާ ކަންވެސް ފަހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައްހަނޫން މިފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އެ ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާމެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ކަމަށްވެސް ކަރެކްޝަންސް އިން ބުންނެވެ. އަދި އެ މުވައްޒަފުންނާއި އޮފިސަރުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެފަދަ އަމަލުތަކަކީ ކަނބޮޑުވާ ކަމެއް ކަމާށާ އެފަދަ އަމަލުތައް ތަކުރަރުވަމުންދާ ނަމަ ގާނޫނީ ފިޔަވަލު އަޅަނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.