އިދިކޮޅު ފަރާތްތައް ގުޅިގެން މިސަރުކާރު ބަލިކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޗާގޯސް މައްސަލާގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި އެއްވުމުގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނުތަން ހޯދަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށާއި ރައްޔިތުންގެތަކަށް ވަންނާނީ މިމަސައްކަތް ކާމިޔާބު ކޮށްފައި ކަމަށެވެ.
މިގެއްލުނު ސަރަހައްދަކީ ގިނަ އަދަދެއްގެ މަސް އާލާވާ ސަރަހައްދެއް ކަމަށާއި އެ މަސްތައް އުފެދޭ ހިސާބުން ދާއަޅައިގެން ބަޔަކު ނަގަންފަށައިފި ނަމަ ރާއްޖެއަށް އޭގެ މަންފާއެއް ނުލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. މަސްވެރީން މިކަމަށް ސަމާލުވާން ޖެހެނީ އެހެންވެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މީގެ ވިޔަފާރި ނަޒަރަކުން ބަލާލާއިރު ކީއްވެތޯ މުހިންމު ވަނީ މޮރިޝަސް އަކީ ދުވަހަކުވެސް މަސްބާނާ އުޅުނު ބަޔެއް ނޫނޭ. އެމީހުން މިހަދާ ގޮތަކީ މިތަން އެހެން ބަޔަކަށް ވިއްކާލަނީ އެހެން ހެދުމުން ހުރިހާ ގެއްލުމެއް ދިވެހި މަސްވެރިންނަށް މިލިބެނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ޖިހާދު ކުރެވޭނީ އެކި ޒަމާނުގައި އެކި ގޮތަށް ކަމަށާއި މިއަދު މިޖިހާދު ކުރަނީ ކަނޑިބަޑިއަކުން ނޫން ކަމަށެވެ. މިއަދު މިޖިހާދު ކުރަނީ ދިވެހީން އަތުން ވަގަށް ނެގިތަން ހޯދަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިރޭ އެއްވެ މިތިބީ ދިވެހީންގެ އަތުން ގެއްލިގެން ދިޔަ މުދާތައް ހޯދަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އެތަނުގައަޑީގަ އޮތީ ކޯންޗެއްކަން ނޭނގެ ތަފާތު މިނެރަލްތައް އެބަހުރި ތެޔޮ ހުރެދާނެ ކަމުގެ ޝައްކު އެބަކުރެވޭ މިތަންތަން ހޯދުމަށް ނިކުމެ މިތިބީ"
ނާޒިމް ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވި ސިޓީ ހާމަ ކުރުމަށް ގޮވާލަފަ އެވެ. ނާޒިމް ވިދާޅުވީ މިސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށާއި އެންމެން ގުޅިގެން މިސަރުކާރު ބަލި ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.