ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ސަރުކާރުގެ ނިންމުން ބަދަލުކުރުމަށާއި އެ މައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި އިންޑިއާ އައުޓް ބެނާ ދެމީ ސަރުކާރުން ކަމަށް އެމްޑީޕީގެ ރައީސް ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރާއްޖޭ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލާގައި ދިވެހި ސަރުކާރުން ނެގި ސްޑޭންޑާ ދެކޮޅަށް އަދި އެ މައްސަލާގައި ރައްޖޭގެ ކަނޑުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބަޔަކު ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް ނަގައިފަ އެވެ. އެ ބެނާ ނަގައިގެން ތިބީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓުތަކެއް ލައިގެން ތިބި ޒުވާނުންތަކެކެވެ.

އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނީ އެއީ މި ސަރުކާރުގައި ހިމެނޭ ބަޔަކު އެ މީހުން ލައްވާ ކުރުވި ކަމެއް ކަމަށެވެ. ރޭ ބެނާ ހިފައިގެން ތިބި މީހުންނަކީ ރޭގެ އެއްވުގައި ބައިވެރިވި އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ.

ޑިމޮކްރެޓުންގެ ބަޔާނުގައި ބުނެފައި ވަނީ ރޭގެ ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ރާވައިގެން ކަމަށާއި އެކަން ކޮށްފައި ވަނީ ޖަލްސާ ބޭއްވި މަގުސަދު އޮޅުވާލަން ކަމަށެވެ.

ރޭގެ ޖަލްސާގައި އިންޑިއާ އައުޓް ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ކުރިއަށްގެންދިއުމަށް ރާވައިފައެއް ނުވެ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ހިންގަމުން އަންނަ ކެމްޕެއިން ހަރަކަތެކެވެ. މި ހަރަކާތުގައި ބޭނުން ކުރާ އިންޑިއާ އައުޓް ބެނާ އާއި ދިދަ މާލޭގެ އެކި އިމާރަތްތަކުގައި މީގެ ކުރިން ނަގާފައިވެ އެވެ. އެހެން ނަމަވެސް ފުލުހުން އެ ބެނާތަކާއި ދިދަތައް ވަނީ ނަގައިފަ އެވެ.