ޗާގޯސް މައްސަލާގައި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ޖަލްސާގެ މިސްރާބު ބަދަލުކޮށް ޖަލްސާއަށް ހުރަސް އެޅުމަށް ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެފި އެވެ.

ރާއްޖޭ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ މައްސަލާގައި ދިވެހި ސަރުކާރުން ނެގި ސްޑޭންޑާ ދެކޮޅަށް އަދި އެ މައްސަލާގައި ރައްޖޭގެ ކަނޑުން ބައެއް މިސަރުކާރުން ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބަޔަކު ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބެނާއެއް ނަގާފަ އެވެ. އެ ބެނާ ނަގައިގެން ތިބީ އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓުތަކެއް ލައިގެން ތިބި ޒުވާނުންތަކެކެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއަށް ބަޔަކު ވަދެ "އިންޑިއާ އައުޓް" ބެނާ ދަމަން ކުރި މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ. ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދަމަން ބަޔަކު ފޮނުވައިގެން ޖަލްސާގެ މިސްރާބު ބަދަލުކޮށްލުމުގެ ފިނޑި އަމަލު ހިންގީ މިސަރުކާރުގެ ވެރިން ކަމަށް ޕީޕީއެމްއިން ބުނެ އެވެ.

އެފަދަ ކަމެއް ސަރުކާރުން ކުރަމުންދާ ކަމުގެ މައުލޫމާތު ޖަލްސާގެ ކުރިން ލިބިފައިވާތީ އެބަޔަކު ޖަލްސާއިން ނެރުނަސް އިދިކޮޅު ކޯލިޝަނުން ތިބީ ތައްޔާރަށް ކަމަށްވެސް ޕީޕީއެމްއިން ބުނެ އެވެ. އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދީ އެމީހުން ޖަލްސާއިން ނެރެފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުނެ އެވެ.

ރޭ އިދިކޮޅު ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި ރައީސް ނަޝީދުގެ އެންމެ އަރިސްބޭފުޅުންނާއި އެމްއެންޕީގެ މެމްބަރުންނާއި ކުރީގެ ބަންޑާރަނައިބުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރޭގެ ޖަލްސާގައި ބަޔަކު "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ރާވައިގެން ކަމަށް ޖަލްސާގައި ބައިވެރިވި ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ބުނެފައެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގަމުން އަންނަ ކެމްޕެއިން ހަރަކަތެކެވެ. މިހަރަކާތުގައި ބޭނުން ކުރާ އިންޑިއާ އައުޓް ބެނާ އާއި ދިދަ މާލޭގެ އެކި އިމާރަތްތަކުގައި މީގެ ކުރިން ނަގާފައިވެ އެވެ. އެހެން ނަމަވެސް ފުލުހުން އެބެނާތަކާއި ދިދަތައް ވަނީ ނަގާފަ އެވެ.