ރ. އަތޮޅުގައި އަޅާ އެއާޕޯޓު އަޅަނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފި އެވެ.

ރ އަތޮޅުގައި އަޅަ ދެވަނަ އެއާޕޯޓު ބެރިޔަންފަރުގައި ތަރައްގީކުރާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ އެމަނިކުފާނު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްްޔާތުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެއްގަމާއި ކަނޑާ އަދި ވައިގެމަގުން ރާއްޖޭގެ ރައްތައް ގުޅާލެވިގެން ނޫނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ ކަމަށެވެ. ވައިގެ މަގުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރ. އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އެއާޕޯޓެއް ހަދަން ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި މަޖިލިސް ބައެއް މެމްބަރުން އަދި ބައެއް މިނިސްޓަރުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

"އެއްގަމާއި ކަނޑާއި ވައިގެ މަގުން މުޅި ރާއްޖެ ގަތާލެވިގެން މެނުވީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެ. ވައިގެ މަގުން ރާއްޖެ ގުޅާލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެ ދަނީ ކުރިއަށް، މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނު ބިތަށް އިތުރު ކުރެވޭ އެއާޕޯޓް އަޅާނީ އެއަތޮޅު ބެރިޔަންފަރުގައި،" ރައީސް ވިދާޅުވި އެވެ.

ރ. އަތޮޅުގައި މިހާރު އެއާޕޯޓެއް އޮންނަނީ އެ އަތޮޅު އިފުރުގަ އެވެ. އަދި އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އެޅުމަކީ އެއަތޮޅުގެ ރައްޔިތުންގެ ވަރަށްބޮޑު އެދުމެކެވެ. ބެރިޔަންފަރުގައި އެއާޕޯޓު އެޅުމުން އޭގެ މަންފާ މުޅި ސަރަހައްދަށް ކުރާނެ ކަމަށް އަތޮޅުގެ ރައްޔިތުން ބުނެ އެވެ.