ކޮވިޑް 19 ޕެންޑަމިކް ތެރޭގައި މޫނުގައި ފޭސް މާސްކު އަޅަން އާދަވެފައިވާ މީހުންނަށް އަލުން ހިނިތުން ވާން ދަސްކޮށްދޭ ކްލާސްތަކެއް ޖަޕާނުގައި ފަށައިފި އެވެ.

މުޅި ދުނިޔެ ކޮވިޑް 19ގެ ވަބާއިން އަރައިގަންނަމުން އަންނައިރު އެކަމުގެ ސަބަބުން އަހަރުމެންގެ ދިރިއުޅުމަށް ގެނުވި ބަދަލުތަކަށް މިއަދާ ހަމައަށް ވެސް ގިނަ ބަޔަކު އަމަލު ކުރަމުން ގެންދެ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ މޫނުގައި މާސްކު އެޅުމެވެ. މާސްކު އެޅުން ގިނަ ގައުމުތަކުގައި މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުން އުވާލެވިފައިވީ ނަމަވެސް މިއަދު ވެސް މާސްކު އަޅާ މީހުން މަދެއް ނޫނެވެ.

އެއާއެކު ދެން ކުރިމަތިވި މައްސަލައަކީ މާސްކު އަޅާ މީހުންގެ މޫނު ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބެހެއްޓުމުން މޫނުގެ މަސްތަކަށް ހަރަކާތް ނުލިބި އެ މަސްތަކުގެ ބާރު ދޫވުމެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކަށް ހިނިތުންވާން މިހާރު އުނދަގުލެެވެ. އެހެން ގޮތަކަށް ބުނާނަމަ މާސްކު އަޅައި އަޅައި އެމީހުން ވަނީ ހިނިތުންވާން ހަނދާން ނެތިފަ އެވެ.

ހިނިތުންވާން ދަސްކޮށްދޭ ކުލާހެއްގެ ތެރެއިން

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޖަޕާނުގެ ޔުނިވާސިޓީއެއްގައި މިވަނީ ހިިނިތުންވާން ދަސްކޮށްދޭ ކްލާސްތަކެއް ފަށާފަ އެވެ. ހެއްވާ ކަމަކަށް ވިޔަސް ހައިރާން ވާންޖެހޭ ކަމަކީ މި ކްލާސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ބައިވެރި ވަމުންނެވެ.

މި ކުލާސްތަކުގައި ބައިވެރިވާ ދަރިވަރުން ލޯގަނޑަކަށް ބަލަހައްޓައިގެން ހިނިތުންވާން ދަސްކޮށްދެވެ އެވެ. އަދި މޫނުގެ މަސްތައް ރަނގަޅަށް ބޭނުން ކުރާނެ ގޮތް ކިޔައދެވެ އެވެ.

ހިނިތުންވާން ދަސްކޮށްދޭ ކުލާހުގެ އަމާޒަކީ ކޮވިޑް 19ގެ ސަބަބުން ގެއްލުނު ޖަޕާނު މީހުންގެ ހިނިތުންވުން އަނބުރާ ގެނައުން ކަމަށް އެމީހުން ބުނެ އެވެ.