ގޭގައި ހައްދާ ގަސްތަކުގެ ތެރެއިން ބައެއް ގަސް ތަކަކީ އެ ގަސް ފެނުމުން އަހަރެމެންގެ ހިތްހަމަ ޖެހުމުގެ އިތުރުން އޭގައި ސިއްހީ ފައިދާތައް ވެސް އެކުލެވޭ ގަސްތަކެވެ. މި ހިއްސާ ކޮށްލަނީ ގޭގައި ގެންގުޅެން އެންމެ ކަމުދާ ބައެއް ގަސްތަކުގެ ލިސްޓެކެވެ.

ޖޭސްމިން

ޖޭސްމިން އަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ހުންނަ ކެމިކަލެއްގެ ސަބަބުން އެންޒައިޓީ އާއި މުޑް ސްވިންގްސް ރަނގަޅު ވުމުގެ އިތުރުން ނިދުމަށް ވެސް ފަސޭހަ ކޮށްދެ އެވެ. މީގެ އިތުރުން ޖޭސްމިން އަކީ ޖުމްލަ ގޮތެއްގައި ދިފާއީ ބާރު ވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ.

ޕީސް ލިލީ

ފީސް ލިލީ އަކީ ގޭތެރެ ޒިނަތްތެރި ކުރުމަށް ބޭނުންކުރެވިދާނެ ގަހެކެވެ. ހޫނު މުސުމުގައި މި ގަހުގައި ވަރަށް ރީތި ހުދު މަލެއް އަޅަ އެވެ. މީގެ އިތުރުން މި ގަހަކީ ފޯމަލްޑިހައިޑް، އެމޯނިއާ އަދި ޓްރައިކްލޮކޮއީތައިލީން ފަދަ ގޭސްތައް އެބްސޯބް ކޮށް، ގޭތެރޭގެ ވައިސާފުކޮށްދޭ ގަހެކެވެ. މީގެ އިތުރުން މި ގަހުން ވަރަށް މީރު ވަހެއް ވެސް ދުވާނެ އެވެ.

ސްނޭކް ޕްލާންޓް

މިއީ އާންމުކޮށް ނިދާ ކޮޓަރިތެރޭގައި ބެހެއްޓުމަށް ވެސް ވަރަށް ރަނގަޅު ގަހެކެވެ. ސްނޭކް ޕްލާންޓަކީ ވައި ސާފުކޮށްދީ، އޭގައި ހުންނަ ހުރިހާ ޓޮކްސިން މާއްދާތައް ނައްތާލާ ގަހެކެވެ.

ސްޕައިޑާ ޕްލާންޓް

ސްޕައިޑާ ޕްލާންޓް އަކީ ފޯމަލްޑިހައިޑް، ކާބަން މޮނޮކްސައިޑް އަދި އެހެނިހެން ވިހަ ގޭސްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެކެވެ. މީގެ އިތުރުން މިއީ މާ ބޮޑު އަޅާލުމެއް ވެސް ބޭނުންވާ ގަހެއް ނޫނެވެ. ކިތަންމެ ކަންނެތް މީހަކަށް ވެސް މި ގަސް ގެންގުޅެވިދާނެ އެވެ.