ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެޕާޓީގެ ޕީޖީ ގުރޫޕުން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެމައްސަލަ ގަވާއިދާއެއް ގޮތަށް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ އިއްޔެ ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ.

ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނުމަށްފަހު އެވެ. މީގެތެރޭގައި ހިމެނެނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ފުރުސަތު ނުދެއްވާ މަޖިލިސް ހުއްޓުވާލުމަށް މަސައްކަތް ކުރެއްވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލެއްވުމަށް ބައެއް މެންބަރުން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަކި ސަބަބެއް މަޖިލީހުގެ ޖަލްސާގައި އިއުލާންކުރެއްވުމެއް ނެތި ކޮންމެ ދުވަހު ރިޔާސަތު ދޫކުރައްވާ ވަޑައިގަތުމެވެ.

މީގެއިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ތަކުރާރުކޮށް ބައިވެރިވުމާއި ހިނގާ ބަހުސްތަކުގައި ބައިވެރިވުމާއި، ބައެއް މެންބަރުންނާ މެދު ޒާތީ ތައައްސަބެއް ގެންގުޅުއްވުމާއި އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހުގެ ރައީސް ހުރަސް އެޅުއްވުންވެސް ފާހަގަކޮށްފައިވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.