ކޮންމެ ރަށެއްގައި ވެސް ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރިކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް "ސިވިލް ސޮސައިޓީ އެވޯޑްސް"ގެ ނަމުގައި ތައާރަފްކުރި އެވޯޑު ދިނުމަށް މިރޭ ސޯސަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވި ހފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހި މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ހަގީގީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާއީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ހާލަތަށް ރިއާޔަތްކޮށް، މި މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެ މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ހަމަ އެއާއެކު މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިޖުތިމާއީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިޖުތިމާއީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޚާއްސަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަކުރައްވައި މިއީ މަދަނީ ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ޚާއްސަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

މިރޭ ބޭއްވި ހަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ހަފުލާގައި "މީސް ޕޯޓަލް" އިފުތިތާހުކޮށްދެއްވީ ނައިބު ރައީސެވެ. އަދި އެންޖީއޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

ރާއްޖޭގައި އަލަށް ތައާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަގުސަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެ އެވެ.