ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ބައްޕާފުޅު އަދި އައްޑު އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމައިދީ) ރޭ އަވަހާރަވެއްޖެ އެވެ.

މުޙައްމަދު އިބްރާހީމްދީދީ 86، އަކީ، އައްޑުއަތޮޅުގެ ތަރައްގީއަށް، ހާއްސަކޮށް ހިތަދޫގެ ތަރައްގީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޖޫން 13، 1964 ގައި ސ. ހިތަދޫ ކުޑަކަތީބު ކަމުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ހިދުމަތަށް ނުކުމެވަޑައިގެންނެވީ އޭނާގެ ޒުވާން އުމުރުފުޅުގަ އެވެ.

ހިތަދޫ ގައުކެޑިއާއި ހަންކެޑެ ގުޅައިލުމަށް އެޅުއްވި ފާލަމަކީ، ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، މުހައްމައިދީގެ ސީދާ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.

ސްޓެލްކޯގެ ޗެއާމަން އަދި އެމްއެންޑީއެފް މާލޭގެ އޭރިއާގެ ކުރީގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމައިދީދީގެ ބައްޕާފުޅު އަކީ ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑު އަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްސަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

އައްޑު އަތޮޅުގައި ސަރުކާރުން އޭރު ހިންގެވި އުމްރާނީ، އިގްތިސާދީ އަދި ތައުލީމީ މަޝްރޫއުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުހައްމައިދީ ބައިވެރިވެވަޑައިގެންނެވި އެވެ. ހިތަދޫ ބޮޑު ކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ގާއިމު ކުރެވުނު ސ. އަތޮޅު ތައުލީމީ މަރުކަޒު ބިނާކުރެވިގެން ދިޔައީ، މުހައްމައިދީގެ މިންނެތް މަސައްކަތުންނެވެ. އަދި އައްޑު އަތޮޅުގައި ސަދަން ސެކަންޑްރީ ސްކޫލް ބިނާކުރެވުނީ ވެސް، އޭނާގެ އަތޮޅުވެރިކަމުގަ އެވެ.

މިތަންތަން ބިނާކުރެވުމުން، އައްޑުއަތޮޅުގެ ދަރީންނަށާއި، އެހެން އަތޮޅުތަކުގެ ދަރީންނަށް ތަޢުލީމު އުނގެނުމަށް ފުރުސަތު ލިބިގެން ދިޔަ އެވެ. މިއީ، ދުރުވިސްނުމާއި، ކެރުމާއި ހިތްވަރާއެކު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތައްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ.

ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގެންނެވީ 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.