ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފި އެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނާއި އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ އޮފީހުން ބުނިގޮތުގައި ސީޝެލްސްގެ ރައީސް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަކީ ދެ ގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖުލައި 1، 1980 ގަ އެވެ.