ސޯޝަލް މީޑިއާއިން ދުރަށް ދަނީ ކަމަށް ބުނިތާ ދެ ދުވަސް ނުވަނީސް ބޮލީވުޑްގެ އެކްޓަރު ކާޖޮލް އެނބުރި ސޯޝަލް މީޑިއާއަށް އައުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މީގެ ދެ ދުވަހެއްވަރު ކާޖޮލް ވަނީ ހަޔާތުގައި ވަރަށް ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އޭނާގެ އިންސްޓަގްރާމްއާއި ޓްވިޓާ އެކައުންޓް ޑިލީޓް ކޮށްފަ އެވެ.

އެހެން ނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ކާޖޮލް ވަނީ އަނބުރާ ސޯޝަލް މީޑިއާއަށް އައިސްފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި އޭނާގެ އެކައުންޓްތައް ޑިލީޓްކުރީ އަންނަން އޮތް ވެބް ސީރީޒްގެ ޕްރޮމޯޝަނަށެވެ.

ކާޖޮލްގެ މި އަމަލާއެކު އޭނާއަށް ގިނަ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ދޮގު ހަދައި އާއްމުންގެ ހަމްދަރުދީ ހޯދަން މަސައްކަތް ކުރުމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

"ދެން ހަގީގަތަށް ކަމެއް ވިޔަސް މީހުން ކާޖޮލްގެ ބަހެއް ގަބޫލެއް ނުުކުރާނެ" ކޮމެންޓް ކުރި މީހަކު ލިޔެފައިވެ އެވެ.

ކާޖޮލް ދެން އެންމެ އަވަހަށް ކެމެރާ ކުރިމަތިން ފެންނާނީ އޯޓީޓީ ޕްލެޓްފޯމެއްގައި ނެރުމަށް ހަމަޖެހިފައިވާ "ދަ ގުޑް ވައިފް" ވެބް ސީރީޒުންނެވެ.