ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ކޮމެޓީތައް އެކުލަވާނުލެވި އޮތީ އެމްޑީޕީއާއެކު އެކަމުގައި އެއްބަސްވުމަކަށް ނާދެވޭތީ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އެޅުވި މައްސަލާގައި ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެއްވެސް ކޮމެޓީއެއްގެ މަސައްކަތްތަކެއް ވެސް ކުރިއަކަށް ނުދެ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އަދި ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުން ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރަގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މީގެ ކުރިން ކޮމެޓީތައް އެކުލަވާލި އިރު ހުރިހާ ކޮމެޓީއެއްގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަށް ކަމަށެވެ. އޭރު އެ މައްސަލަ ވޯޓަށް އަހާފައި ނުވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ މަޖިލީހުގެ ހުރިހާ ކޮމެޓީއެއްގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަން ކަމަށެވެ.
ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތީ ސަރުކަރުން ބޭނުންވެގެން ކަމަށެވެ. އެއީ އިދިކޮޅުގެ އަޑު ކަނޑޫވާލުމަށާއި ސަރުކާރަށް ކިޔާ ފާޑުކިޔުން ތަކުގެ އަޑު ކަނޑުވާލަން ކަމަށް އަލީ ހުސައިން ވިދުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ކޮމެޓީތައް އެކުލަވާލުމުގައި އެމްޑީޕީން އެއްގޮތަކަށްވެސް ދޫދޭން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް ދެވޭނީ އެމްޑީޕީން ދޫދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެއްފަހަރާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް މަޖިލީހުގެ ގަވާއިދަކު ނޯވެ އެވެ. އެގޮތަށް ގަވާއިދުގައި ނޯންނަނީވެސް ވަކި އުސޫލެއް ހިފެހެއްޓުމަށެވެ.