ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބައެއް ތަހުގީގު ރިޕޯޓުތައް ނުދީ ސިއްރު ކުރަން އުޅޭ ކަމަށް އެމައްސަލާގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުން ވިދޅަުވެއްޖެ އެވެ.

ފުއްގިރި މައްސަލައިގެ ހުރިހާ ތަހުގީގު ރިޕޯޓެއް ރައީސް ޔާމީންގެ ގާނޫނީ ޓީމާ ހިއްސާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ދައުލަތަށް އަންގާފައި އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ އެމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލާގައި ހިމެނޭ ހުރިހާ ތަހުގީގު ރިޕޯޓެއް ދިނުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އަންގާފައިވީނަމަވެސް ދައުލަތުން ބައެއް ލިޔެކިޔުންތައް ނުދޭން އުޅޭ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީންގެ ގާނޫނީ ޓީމުން ފާހަގަ ކުރެއްވި އެވެ.

ރައިސް ޔާމީނުގެ ގާނޫނީ ވަކީލުން ބަލަން އެދިފައި ވަނީ ދިފާއު ހުށަހެޅުމަށް ބޭނުންވާތީ ހެކިބަސް ނެގުމުގެ މަރުހަލާގެ ކުރީން މައްސަލައިގެ ތަހުގީގު ފައިލް ތަކާއި ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުވާފައިވާ ލިއުންތަކާއި ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ފޮނުވާފައި ހުރި ލިއުންތަކާއި އެމްއެމްޕީއާރްސީން ރައީސް އޮފީހާއި ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުވާފައިވާ ލިއުންތަކާއި ސިޓީތަކެވެ.

އެ ލިޔެކިއުންތައް ދިނުމާމެދު ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ލިބޭ ފަރާތުން ބޭނުންވާ ލިޔުންތަކުގެ ތެރެއިން ދެވެން ހުރި ލިޔުންތައް ދޭނެކަން އެދުވަހު ފާހަގަކޮށްފައިވާނެ ކަމަށެވެ. އެކަމަކު އެލިއުންތައް ދޫކުރުމުގެ ކުރީން ދިފާއު ބިނާކުރުމަށް މުހިންމު ލިޔެކިއުންތަކުގެ ސަބަބު ބަޔާންކޮށް ހުށަހެޅުމުން އެލިއުންތަކުގެ ތެރެއިން ދޫކުރެވޭނެ ލިއުންތައް ދޫކުރާނެ ކަމަށް ދައުލަތުން ބުނެ އެވެ.

ތަހުގީގު ރިޕޯޓުތައް ހޯދުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެން ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ދިފާއު ބިނާ ކުރުމަށް ފަސޭހަ ވާނީ ތަހުގީގު ރިޕޯޓުތައް ލިބުމުން ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގު ރިޕޯޓުތައް ރައީސް ޔާމީންގެ ވަކީލުންނަށް ބެލުމުގެ ފުރުސަތަކަށް ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ.

އެހެންވެ އޭރު ކްރިމިނަލް ކޯޓުން ވަނީ އެ ފައިލްތައް ދިނުމަށް ދައުލަތަށް އަންގާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން އެދޭ ލިއުންތައް ހޯދުމަށް އުނދަގޫ ނުވާނެހެން ދައުލަތުން އެލިޔުންތައް ދިނުމަށް މިއަދުވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ. ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.