މީހެއްގެ އަނތްބަކާއެކު މާލޭގެ ގެސްޓްހައުސްއެއްގައި އޮއްވައި ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އާދަމް ނަސީރު ހައްޔަރުކޮށްފި އެވެ.

މަލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން އާދަމް ނަސީރާއި އަންހެނަކު ނެރޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ނެރުނު އިރު އާދަމް ނަސީރުގެ މޫނާއި ބޯ ވަނީ ޑަސްބިން ކޮތަޅަކުން ނިވާކޮށްފަ އެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނު ނިވާކޮށްފައެއްނުވެ އެވެ.

އާދަމް ނަސީރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ނަސީރު ވިދާޅުވީ އޭނާ އާއި އެ އަންހެން މީހާ ގެސްޓްހައުސްގެ ތެރެއިން ހައްޔަރުކުރީ ބަރަހަނާކޮށް ތިއްބައި ނޫން ކަމަށެވެ. ނަމަވެސް އެހެން މީހެއްގެ އަނތްބަކާއެކު ގެސްޓްހައުސްއަކަށް ވަން ސަބަބެއް އޭނާ ވިދާޅެއްނުވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު ޝަކުވާއަކާ ގުޅިގެން ސުވާލުކުރުމަށް ގެސްޓްހައުސްއަކުން ފިރިހެނަކާއި އަންހެނަކު މިރޭ ނެރެފައިވާ ކަމަށެވެ.

އާދަމް ނަސީރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމިގްރޭޝަން ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެވެރިކަން ބަދަލުވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާގެ ބޭބެ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނިކޮށް ކުއްލިގޮތަކަށް އޭނާ ވަނީ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ. ދެން ދުވަސްކޮޅަކުން ފެނުނީ އޭނާގެ ބޭބެއަށް މައާފްދީ ސަރުކާރުން މިނިވަންކުރި މަންޒަރެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު އޭނާ ވަނީ ޕީޕީއެމުން ވަކިވެ، އެމްޑީޕީއާ ގުޅިފަ އެވެ.