އިންޑިއާގެ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ ކަމަށްވާ "ބިގްބޮސް އޯޓީޓީ"ގެ ދެ ވަނަ ސީޒަން ބޮޑެތި ބަދަލުތަކާއެކު މިވަނީ ފަށާފަ އެވެ.

މިފަހަރު ސީޒަން ހޯސްޓް ކުރަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާބް ޚާން އެވެ. 2021 ވަނަ އަހަރު ގެނެސްދިން "ބިގްބޮސް އޯޓީޓީ" ސީޒަން ހޯސްޓްކުރީ ކަރަން ޖޯހަރު އެވެ. އެ ފަހަރުގެ ސީޒަން ކާމިޔާބު ކުރީ ދިވްޔާ އަގަރްވާލް އެވެ.

ޖޫން 17 އިން ފެށިގެން ހަ ހަފްތާއަށް ކުރިއަށްދާ މ ރިއަލިޓީ ޝޯގައި 13 ބައިވެރިޔަކު ބައިވެރިވެ އެވެ. އަދި މިފަހަރުގެ ސީޒަން ގެނެސްދެނީ 'ޖިއޯސިނަމާ' އިނެވެ.

މަގުބޫލު ފަންނާނުތަކެއް ބައިވެރިވެ އެވެ.

މިފަހަރު "ބިގްބޮސް އޯޓީޓީ" ބައިވެރިވާ ފަންނާންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ކުރީގެ އަންހެނުން އާލިޔާ ސިއްދީގީ އާއި ޓީވީ އެކްޓަރު ޝީޒާން ޚާންގެ ކޮއްކޮ ފަލާގް ނާޒް އާއި ޔޫޓިއުބަރު އަބިޝެކް މަލްހާން އާއި ޓީވީ ބަތަލާ އަކަންކްޝާ ޕޫރީ އާއި ޓީވީ އެކްޓަރު އަވިނާޝް ސަޗްދޭވް އާއި ބަތަލާ އަދި އަވީނާޝްގެ ކުރީގެ ލޯބިވެރިޔާ ޕަލަކް ޕޫރްސްވާނީ އާއި ޓީވީ ތަރި ޖިޔާ ޝަންކަރު އާއި ސޯޝަލް މީޑިއާ ތަރި ޕުނީތު ސުޕަސްޓާ، ހޯސްޓް- ވީޖޭ ސައިރަސް ބްރޯޗާ، ބަތަލާ-ޑޮކްޓަރު ބެބިކާ ދުރްވޭ، ބިހާރުގެ ޑާންސަރ-އެކްޓްރެސް މަނީޝާ ރާނީ، ލުބުނާނުގެ މޮޑެލް-އެކްޓަރު ޖޭޑް ހަދީދު އަދި ފިލްމު އުފައްދާ- ބަތަލާ ޕޫޖާ ބަޓް ހިމެނެ އެވެ.

މިފަހަރު ސީޒަންގައި ބައިވެރިން ބިގްބޮސް ގެއަށް ވަދުމުގެ ފުރުސަތު ލިބިގެންދަނީ ބެލުންތެރިންގެ އެހީތެރިކަމާއެކު އެވެ. އަދި ބިގްބޮސް ގޭގައި ކޮންމެ އެއްޗެއްވެސް ބޭނުންކުރެވޭނީ ގަނެގެންނެވެ. އެގޮތުން ބައިވެރިން ގެއަށް ވަދުމުގެ ކުރިން ބީބީ ކޮއިންސް ލިބިގެންދާނެ އެވެ.

ބިސް ބޮސްގެ ގޭގައި ތިބޭ މީހުން ކޮންޓްރޯލްކުރުމުގެ ފުރުސަތު ބެލުންތެރިންނަށް އޮންނާނެ އެވެ. އަދި އެ ގޭގައި ތިބޭ މީހުންނާ ވާހަކަ ދައްކައި އެމީހުން ކުޅޭ ގޭމާއި ދައްކާ ވާހަކަތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް ބެލުންތެރިންނަށް ލިބޭނެ އެވެ.

ބިގްބޮސް ގޭގެ ފުރަތަމަ ދުވަހުގެ ތަފާތު ޑްރާމާތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާ ތަރި ޕުނީތު ވަނީ ބިގްބޮސް ގޭގައި ހުރި މުދަލަ ގެއްލުން ދީފަ އެވެ. އަދި ބައިވެރިން ބޭނުންކުރުމަށް ބަހައްޓާފައި ހުރި ދަތްއުގުޅާ ބޭސް އާއި އަތްދޮންނަ ފުޅި އޭނާގެ އައިގައި އުގުޅާ ހުސްކޮށްލަ އެވެ. މިއާއެކު ޕުނީތުއަށް ބިގްބޮސް އިންޒާރު ދޭތަން ފެނިގެންދެ އެވެ. އަދި މިފަދަ އަމަލު ތަކުރާރު ކުރާނަމަ ގެއިން ބޭރުކޮށްލަން ޖެހިދާނެ ކަމަށްވެސް ބުނެ އެވެ.

ބިގްބޮސްގެ އިންޒާރާއެކުވެސް ޕުނީތު އެ އަމަލުތަކެއް ނުހުއްޓަ އެވެ. އެންމެފަހު ޕުބީތު ގެއިން ބޭރުކޮށްލަ އެވެ.

"ބިގް ބޮސް" އޯޓީޓީ ޝޯގައި ބިގް ބޮސްގެ ގެއަށް ވަންނަ ބައިވެރިން ކުރާ ޒުވާބުތަކާއި އެމީހުން ދައްކާ ވާހަކަތައް އެއްވެސް ފުރާނާލުމެއް، ސެންސަރު ކުރުމެއް ނެތި ގެނެސްދޭން ހަމަޖެހިފަ އެވެ.