ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓި އެއް އުފެއްދިޔަސް އެމްޑީޕީގައި ދެމި ހުރީ ޕާޓީ އަލުން އަނބުރާ ހޯދުމަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 9 ގެ ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކަސްދޮޅުން އެމްޑީޕީ ސަލާމަތް ވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީ އެއް ހަދަން އުޅޭ ބަޔަކަށް ހިއްވަރު ދިނުން ނޫން ކަމެއް ދައުލަތަކުން ކުރުން އެއީ ދެކެވަޑައިގަންނަވާގޮތް ނޫން ކަމަށެވެ.

އެމްޑީޕީން އެޕާޓީގެ ހުރިހާ އުސޫލުތަކެއް މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމްޑީޕީން ވެފައިވާ ވައުދުތަކުގެ ދެބައިކުޅަ އެއްބައިވެސް މިހަތަރު އަހަރުވެގެން ދިޔައިރު ނުފުއްދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގައި ދެމިހުރީ އަދިވެސް ޕާޓީ އަނބުރާ ހޯދޭނެ ކަމުގެ އުންމީދު އޮތުމުން ކަމަށެވެ. އަދި ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ރައީސް ޞާލިހުގެ ކަސްދޮޅުން އެމްޑީޕީ މިނިވަން ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީ ދޫކޮށްލުމާ ނުކޮށްލުން ބިނާ ވެފައި މިއޮންނަނީ، އަޅުގަނޑު ވަރަށް ބޮޑު އިތުބާރެއް އެބޮތް ސެޕްޓެމްބަރު 9 ގެ ފަހުން އެމްޑީޕީ ރައީސުލްޖުމްހޫރިއްޔާގެ ކަސްދޮޅަކު ނޯންނާނެ، އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މިހާރު މިހުންނަނީ މިޕާޓީ ޑިމޮކްރެޓްސްގެ ތެރެއަށް މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށާއި އަދި ޑީމޮކްރެޓްސް އިން އެމްޑީޕީގެ ވޯޓާސްގެ ބޮޑު ބައެއް ނަގާނެ ކަމަށެވެ. އަދި ޑިމޮކްރެޓްސް އިން އެމްޑީޕީގެ ވޯޓާސްގެ ބައެއް އެޕާޓީ އަށް ނެގީމާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވުޖޫދުވީ ރައްޔިތުންނަށް މިނިވަންކަމާ ހައްގުތަށް ކަށަވަރުކޮށްދޭ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ އުސޫލްތަކާ އަސާސްތައް މިހާރު ނެތެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.