ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔަކު ރޭޕުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޒް ކާލްޓަން ރިސޯޓުން ބުނެފި އެވެ.

މާލެ ކައިރީގައި ހިންގަމުން އަންނަ ރިޒް ކާލްޓަން ފަރި އައިލެންޑަށް ދިޔަ ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިމައްސަލަ މިމަހުގެ 18 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

މި ރޭޕްގެ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައުމާއި ގުޅިގެން ރިޓްސް ކާލްޓަންގެ ސޯޝަލް މީޑިއާގައި ބުނީ މިފަދަ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. އަދި ފަތުރުވެރިންގެ ރައްކާތެރިކަމަކީ އެ ރިސޯޓުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަން ފާހަގަކޮށް އެރިސޯޓުން ބުނީ ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ރިޓްސް ކާލްޓަން ރިސޯޓުގެ ބަޓްލަރަކު ޗައިނާ ޓޫރިސްޓަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އަދި އެ އަންހެން ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯއާއި ޑޮކްޓަރު ދީފައިވާ ލިޔުންތަކުގެ ކޮޕީ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މިވާހަކަތައް އެފަތުރުވެރިޔާ ވަނީ ޓުވީޓާގައި ހިއްސާކޮށްފަ އެވެ.

ޓުވިޓާގައި "ޒޫޔިޓޮންގް"ގެ ނަމުގައި ހަދާފައިވާ އާ އެކައުންޓަކުން އެ ހާދިސާގެ ތަފްސީލުތައް ކިޔައިދީފައިވާއިރު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ބަޓްލަރުގެ ތަފްސީލު ވެސް އާއްމު ކޮށްފައިވެ އެވެ.

ފަތުރުވެރިޔާ ބުނެފައިވަނީ އޭނާ ރާއްޖެ އައީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށާއި 10 ވަނަ ދުވަހު އަނބުރާ ދާން އޮތް ނަމަވެސް އޭނާގެ ޗުއްޓީ އިތުރުކުރީ ކަމަށެވެ.

"ރިސޯޓުން އަހަންނަށް ހަމަޖައްސައިދިން ބަޓްލަރަކީ އުޝާމް. އޭނާ އަހަންނަށް އެހީވުމަށްފަހު ވަރަށް ގާތްކޮށް ވާހަކަ ދައްކަން މަސައްކަތް ކުރި," ޖިންސީ ގޯނާކުރި ކަމަށް ބުނާ ބަޓްލަރުގެ ނަން ހާމަކުރަމުން ޓުވީޓެއްގައި ބުނެފައިވެ އެވެ.

ހާދިސާގެ ވާހަކަ ކިޔައިދެމުން ފަތުރުވެރިޔާ ބުނެފައިވަނީ އޭނާގެ ފޯނަށް ފެން އެޅި ހަލާކުވުމުން އުޝާމްގެ ފޯނަށް އޭނާގެ ސިމް ލައްވައިގެން އާއިލާއަށް ގުޅިކަމަށާއި ހަމަ އެރޭ އެ ބަހަނާގައި އުޝާމް އޭނާގެ ކޮޓަރިއަށް އައި ކަމަށެވެ.

"މަންމަގެ މެސެޖެއް އައި ކަމަށް ބުނެ ކޮޓަރިއަށް އައިސް ވަރަށް ހަޑިކޮށް ގައިގޯޅިވާން އެދުނު. އަދި އަހަރެން މަނާ ކުރުމުން ގަދަކަމުން އެކަން ކުރި،" ފަތުރުވެރިޔާ ބުނެފައިވެ އެވެ.

އުޝާމް ދިއުމުން ރިސޯޓުގެ މެނޭޖަރުންނަށް އޭނާ ހަބަރުކުރި ކަމަށާއި އެހެން ނަމަވެސް ރިސޯޓުގެ ފަރާތުން ވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބުމުން ފުލުހުންގެ ކިބައިން އެހީއަށް އެދުނު ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

"ހެކީގެ ގޮތުގައި ބަލައިގަނެވޭ އެއްޗެހި ރިސޯޓުގެ މުވައްޒަފުން ގެންދިޔަ. އަހަރެން ބުނިން އެއީ ފުލުހުންނަށް ހަވާލު ކުރަން ޖެހޭ އެއްޗެކޭ،" ފުލުހުން އައިސް އޭނާގެ ބަޔާން ނެގުމުގެ ކުރިން ކަންވީ ގޮތް ފަތުުރުވެރިޔާ ކިޔައިދިނެވެ.

ފަތުރުވެރިޔާގެ ޓުވީޓުތަކުގައި ހާދިސާގެ އެންމެ ކުޑަކުޑަ ތަފްސީލުތައް ވެސް ހިމަނާފައިވެ އެވެ. ފެށިގެން އައިސް ނިމެންދެން ކަމުގެ ވާހަކަތައް އޭނާ ކިޔައިދީފައިވެ އެވެ.