މަޝްހޫރު މެސެޖިން އެޕް ވަޓްސްއެޕްގެ ޕްރައިވެޓް މެސެޖިން ފީޗާގެ ޕްރޮމޯޓްކުރުމަށް ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ހަމަޖައްސައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕް އާއި ބަތަލާ އަނުޝްކާ ގުޅިގެން ޕްރައިވެޓް މެސެޖިން ފީޗާ ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނުގައި އަނުޝްކާ ބައިވެރިވާނެ އެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ ބައިވެރިކޮށްގެން ވަޓްސްއެޕްގެ ޕްރައިވެޓް މެސެޖިން ފީޗާއާ ގުޅޭ ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އޭގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އުފައްދާ ގޮތަށެވެ. އެގޮތުން ޕްރައިވެޓް މެސެޖިން މެދުވެރިކޮށް އަންހެނުން ކުރާ މުއާމަލާތްތަކުގެ ރައްކާތެރިކަން އެ މީހުންނަށް ކަށަވަރުކޮށްދީ، އޭގެ ސަބަބުން ވަޓްސްއެޕަށް އޮންނަ އިތުބާރާއި ޔަގީންކަން ވެސް އިތުރުކޮށް ދޭން އަނުޝްކާ ކެމްޕޭންގައި މަސައްކަތް ކުރާނެ އެވެ

ވަޓްސްއެޕް އަށް އަނެއްކާވެސް ބޮޑު ބަދަލެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ވަޓްސްއެޕް އަށް ޕްރައިވެސީ އާއި ސެކިއުރިޓީގެ އިތުރު ފަށަލައެއް ލުމަށް ފަހު 'ޗެޓް ލޮކް' ގެ ނަމުގައި އާ ފީޗާއެއް މިވަނީ ތައާރަފު ކޮށްފަ އެވެ. ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އެމީހުން ފޮނުވާ މެސެޖްތައް ތަޅުލެވޭ ފީޗާ މިހާރު ތައާރަފުކޮށްފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް އަށް ވެސް މި ފީޗާ މިހާރު ލިބޭނެ އެވެ.

2009 ވަނަ އަހަރު ވުޖޫދަށް އައި ވަޓްސްއެޕް ފޭސްބުކް ގަތީ 2014 ގަ އެވެ.