ގަނޑުފެންގަނޑެއްގައި ޖެހި ދެބުރި ވެގެން އެޓްލާންޓިކް ކަނޑަށް އަޑިޔަށް ގޮސްފައިވާ ޓައިޓޭނިކް ބަލައިލުމަށް ޓޫރިސްޓުން ގޮވައިގެން ފީނި "ޓައިޓެން"ގެ ނަމުން ނަންދީފައިވާ ސަބްމާސިބްލް ގެއްލުނު ގެއްލުމަކީ އެކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ކަމެކެވެ.

ދަތުރު ފެށިތާ ފަސް ދުވަސް ފަހުން ޓައިޓޭން ހޯދުމަށް މަސައްކަތް ކުރި އެމެރިކާއާއި ކެނެޑާގެ ކަނޑުގެ ސިފައިން މިހާރު ވަނީ އެ އުޅަނދުގެ ބައިތަކެއް ކަނޑު އަޑިން ހޯދިއްޖެ ކަމަށާއި އެހެންކަމުން އެއިން ދަތުރުކުރި ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ބުނެފަ އެވެ. ހޯދުނު ބައިތަކުގެ މައްޗައް ރިއާޔަތްކޮށް އެމެރިކާގެ ނޭވީން ލަފާ ކޮށްފައި ވަނީ ކަނޑު އަޑީގެ ބޭރުގެ ޕްރެޝަރު ގަދަވެ އުޅަނދު ފިތުމުގެ ސަބަބުން އުޅަނދުގެ ސިސްޓަމް ފެއިލްވީ ކަމަށެވެ.

ޓައިޓޭން އަކީ ކޮބާ؟

ޓައިއިޓޭންކީ 4،000 މީޓަރަށް ފީނޭ ގޮތަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބަނދެފައިވާ ސަބްމާސިބްލްއެކެވެ. ކަނޑު އަޑީގެ ބާރުގަދަ ޕްރެޝަރު ހިފެހެއްޓުމަށްޓަކައި އެޅަނދުގައި ކާބަން ފައިބަރާއި ޓައިޓޭނިއަމްގެ ވަރުގަދަ ތޮށިގަނޑެއް ލެވިފައިވެ އެވެ. އުޅަނދުގެ ދަތުރު ކޮންޓްރޯލް ކުރުމަށްޓަކައި އިލެކްޓްރިކް ހަތަރު ތްރަޓާ ވެސް ހަރުކޮށްފައިވެ އެވެ. ފަސް މީހަކަށް 90 ގަޑިއިރު ނޭވާލެވޭ މިންވަރުގެ ލައިފްސަޕޯޓު އޮކްސިޖަން ސިސްޓަމަކާއެކު ޓައިޓޭން ބެލެވިފައި ވަނީ ކަނޑުގެ އަޑި ބަލާލަން ފީނަން އެންމެ މޮޅު އުޅަނދު ކަމުގަ އެވެ.

ޓައިޓޭނަށް ވީ ކިހިނެއް؟

ކަނޑު އަޑީގެ ސައިންޓިފިކް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އޯޝަން ގޭޓުން އޮޕްރޭޓްކުރާ ޓައިޓޭން، މިިދިޔަ އާދީއްތަ ދުވަހު އެޓްލާންޓިކް ކަނޑުގެ އަޑިޔަށް ފީނީ ޓައިޓޭނިކް ބަލާލުމަށް ޓޫރިސްޓުންތަކެއް ގޮވައިގެންނެވެ.

ޓޫރިސްޓުންގެ ގޮތުގައި ހިމެނެނީ އިނގިރޭސި ބިލިއަނަރެއް ކަމަށްވާ ހަމިޝް ހާޑިންގް އާއި ޕާކިސްތާނަށް ނިސްބަތްވާ އިނގިރޭސި މަހުޖަނެއް ކަމަށްވާ ޝަހުޒާދާ ދާއޫދާއި އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު ސުލައިމާނު ދާއޫދާއި އޯޝަންގޭޓް ކުންފުނީގެ ބާނީ/ ސީއީއޯ ސްޓޮކްޓަން ރަޝްގެ އިތުރުން ޓައިޓޭނިކް ސަރަހައްދަށް ކުރިން ފީނައި ތަޖުރިބާ ލިބިފައިވާ ފްރާންސްގެ ރައްޔިތެކެވެ.

ޓައިޓޭނިކްގެ ބައިތައް އޮތް ހިސާބަށް ފީނުމަށްޓަކައި ކުރަން ޖެހޭ ދެ ގަޑިއިރުގެ ދަތުރަށް ފެށުމަށް ފަހު ޓައިޓޭން އާއި އޭގެ ބެލެނިވެރި އުޅަނދުގެ މެދުގައި މުވާސަލާތު ކުރެވެމުން ދިޔަކަމުގައި ވިޔަސް ޓައިޓޭނިކާ ހިސާބަށް ދެވިއްޖެ ކަމަށާއި ދެން އޮތީ އޭތި ބެލުން ކަމަށް ބުނެ ފޮނުވި މެސްޖަށް ފަހު ޓައިޓެން އާއި އޭގެ ބެލެނިވެރި އުޅަނދާ ދެމެދު ގުޅުން ކެނޑުނެވެ. އޭރު އުޅަނދު ފީނިތާވީ 45 މިނިޓެވެ. އެއްވެސް ގުޅުމެއް ނެތި ދެގަޑިއިރަށް ވުރެ ލަސްވުމުން އުޅަނދަށް މައްސަލައެއް ޖެހުނީކަމަށް ބަލައި ސަލާމަތީ ބާރުތަކުގެ އެހީތެރިކަމަށް އެދުނެވެ. އެ ހިސާބުން ފެށިގެން އެމެރިކާގެ އާއި ކެނެޑާގެ ކަނޑުގެ ސިފައިންނާއި އެނޫން ވެސް އެތައް ބަޔަކު ގުޅިގެން ޓައިޓެން ފެނޭތޯ އައީ މަސައްކަތް ކުރަމުންނެވެ.

ޓައިޓޭން ހޯދުމަށް ކުރި މަސައްކަތް

އެމެރިކާ އާއި ކެނެޑާއާއި އިނގިރޭސި ވިލާތް ވެސް ހިމެނޭ ހެން ހިންގި ބައިނަލްއަގުވާމީ ރެސްކިއު އޮޕަރޭޝަން ވެގެން ދިޔައީ އާދަޔާ ޚިލާފު އުނދަގޫ މަސައްކަތަކަށެވެ. އެޓްލާންޓިކް ކަނޑުގެ ވަރަށް ބޮޑަށް އެކަހެރި ހިސާބެއްގައި ޓައިޓޭން ފެނޭތޯކުރި މަސައްކަތުގައި އެންމެ ފުރަތަމަ ކުރިއެރުމެއް ލިބުނީ ކެނެޑާގެ މަތިންދާ ބޯޓަކަށެވެ.

ކަނޑު އަޑީގެ އަޑުތައް ރެކޯޑުކުރުމުގެ ކުޅަދާނަކަން ލިބިވާ އެ ބޯޓަށް ކަނޑުގެ އަޑިން އެއްޗެއް ތެޅޭ ކަހަލަ އަޑެއް ފާހަގަވުމާ އެކު ހޯދުމުގެ މަސައްކަތް އެއަޑު އައި ދިމާލަށް ބަދަލުކޮށް ފުޅާ ކުރި އެވެ. ކަނޑުގެ އަޑިން އަޑެއް އިވުނުކަން ފާހަގަކުރެވުނު ކަމުގައި ވިޔަސް އެ އަޑާ ޓައިޓޭނާ ގުޅުމެއް ނެތް ކަމަށް ފަހުން ބެލެވުނެވެ.

ހޯދުމުގެ މަސައްކަތް ކުރި ކަނޑުގެ ސިފައިންނަށް ދިމާވި އެންމެ ބޮޑުގޮން ޖެހުމަކަށް ވީ އެހިސާބުގެ މޫސުމެވެ. އާދަޔާ ޚިލާފަށް އޮއިގަދަވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ހުރަސް އެޅެމުނުން ދިޔަ އެވެ. އެއާ އެކު ވެސް އެ އުޅަނދުގައި ހުރި އޮކްސިޖަން ހުސް ނުވަނީސް ފެނޭތޯ ގަދައަޅައި ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޓައިޓޭންގެ ބައިތައް ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދުން ހޯދީ މީހުންނާ ނުލައި ކަނޑުގެ އަޑި ހޯދާ ރޮބޯޓިކް މެޝިނެއް ބޭނުންކޮށްގެން ކުރި މަސައްކަތުންނެވެ. އެ މެޝިނުން ވަނީ ޓައިޓޭންގެ ދެތިން ބައެއް ކަނޑު އަޑިން ފާހަގަކޮށްފަ އެވެ. ބެލެވޭ ގޮތުގައި އުޅަނދުގެ މައިގަޑު ބައިތައް ވަނީ ޓައިޓޭނިކްގެ ތެރެއަށް ވަދެފަ އެވެ. ހޯދުމުގެ މަސައްކަތުގައި އިސްވެ އުޅުނު އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ޓައިޓޭން ގެއްލިއްޖެ ކަމަށާއި އެއިން ދަތުރު ކުރި އެންމެން މަރުވެއްޖެ ކަމަށް ނިންމައިފަ އެވެ. އުޅަނދުގެ ބާކީ ބައިތައް ފެނޭތޯ އިތުރަށް މަސައްކަތް ކުރާނެ ކަމަށް އެފަރާތުން ބުނެ އެވެ.