ފޭސްބުކްއާއި "މެޓަ"ގެ ބާނީ މާކް ޒަކަބާގްއާއެކު "ކޭޖް ފައިޓް"ގެ ކުރިމަތިލުމަކަށް ދާން ބޭނުންވާ ކަމަށް ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އިލަން މަސްކް ހާމަ ކޮށްފި އެވެ.

މަސްކް އޭނާގެ ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޒަކަބާގްއާއެކު މައިދާނުގައި ކުރިމަތިލުމަށް އޭނާގެ އެއްވެސް ފަސް ޖެހުމެއް ނެތް ކަމަށެވެ.

ޖަވާބުގައި މަސްކްގެ އެ ޓްވީޓްގެ ސްކްރީން ޝޮޓަކާއެކު ޒަކަބާގް ބުނެފައިވަނީ ތަނާއި ގަޑި ފޮނުވުމަށެވެ. އެހެން ކަމުން ދެ ފަރާތުން ވެސް އެ ކުރިމަތިލުމަށް ތައްޔާރު ކަމަށް ދޭހަވެ އެވެ.

މަސްކްއާއި ޒަކަބާގްއަކީ ވިޔަފާރީގެ މައިދާނުގައި އެކަކު އަނެކަކުގެ ހަތުރުން ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ރެކޯޑް އަގަކަށް ޓްވިޓާ ގަނެ ސޯޝަލް މީޑިއާގެ ވިޔަފާރީގެ ތެރެއަށް މަސްކް ވަނުމާއެކު ދެ މީހުންގެ މެދުގައި ވިޔަފާރީގެ ވާދަވެރިކަން ވަނީ އިތުރުވެފަ އެވެ.

މަސްކްއާއި ޒަކަބާގްގެ މި ޓްވީޓްތައް ގިނަ ބަޔަކު ރީޓްވީޓް ކުރަމުން އަންނައިރު ބައެއް މީހުން އަންނަނީ މިކަމާ ގުޅިގެން ޖޯކު ވެސް ޖަހަމުންނެވެ.

މިކަމާ ބެހޭ ގޮތުން ސްޕޭސް އެކްސްގެ ތަރުޖަމާނަކު ބުނީ އެ ޓްވީޓްތަކަކީ ދެ ފަރާތުން ވެސް ވަރަށް ސީރިއަސްކޮށް ނަގައި ކުރި ޓްވީޓްތަކެއް ކަމަށާއި އެކަމާ ގުޅިގެން ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށެވެ.

ކޭޖް ފައިޓްއަކީ ވަށް ބުރެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގާ ޖިސްމާނީ ކުރިމަތިލުމެއް ފެންނަ ކުޅިވަރެކެވެ. މި ކުޅިވަރު އާއްމުކޮށް ކުޅެވޭނީ އަހަރުތަކެއްގެ ތަމްރީނުތަކާއެކު އެވެ.