މިނިވަން އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާ މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްވަމުންނެވެ.
އާޒިމާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށްދިނުމަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުކޮށް ރިޔާސީ އިންތިހާބަކަށް ތައްޔާރުވަމުން ދިޔައިރު ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކޮށްފައި އޮތް ކަމަށާއި ނަމަވެސް އެމައްސަލަ ދައުލަތުން އަނބުރައި ގެނައީ ގޮތް ނިންމާނީ ރައްޔިތުން ކަމަށް އޭރުގެ ސަރުކާރުން ގަބޫލު ކޮށްގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.
ހުރިހާ އެންމެނަށް ބައިވެރިވެވޭ އިންތިހާބެއް ބޭއްވުމަކީ ބޭސިކް ޑިމޮކްރެޓިކް ޕްރިންސިޕަލްކަން ފާހަގަ ކުރައްވާ އާޒިމާ ވިދާޅުވީ 2008 ވަނަ އަހަރު މިގާނޫނު އަސާސީ ތަސްދީގުކުރިއިރު ރައީސް ނަޝީދުގެ މައްޗަށް އޮންނާނެ ކަމަށާއި އެދައުވާ އަނބުރާ ގެނައީ އޭނާ ކަމަށެވެ.
"އަޅުގަނޑުގެ ބަންޑާރަނައިބު ކަމުގައި. ކީއްވެގެންތޯ އެސަރުކާރުން އެގޮތައް ނިންމީ؟ ރައީސް މައުމޫނާއި އަޅުގަނޑުމެންގެ މަޝްވަރާގެ ދަށުން (ނިންމީ) ރައްޔިތުންނޭ ގޮތް ނިންމާނީ. މިފުރުސަތުގައި ހުރިހާ ސިޔާސީ ލީޑަރުންނަށް ފުރުސަތު ދޭން ޖެހޭނެއޭ،" އާޒިމާ ވިދާޅުވި އެވެ.
ގައުމުގެ މަސްލަހަތު އެއީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ރައްޔިތުންނަށް މިނިވަން މުސްތަގިއްލު އިންތިހާބެއް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް އާޒިމާ ވިދާޅުވެފައިވާ އިރު، މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށް ނުގޮސް ދަށު ކޯޓުގައި އޮތް މައްސަލައިގެ އަޑުއެހުންތައް ވަނީ ފުލުފުލުގައި ތާވަލް ކޮށްފަ އެވެ.
ރައީސް ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެވެ.